English Edition
Dhivehi Edition

ސްރީލަންކާއަށް އެހީވުމަށް ޕީއެސްއެމް އިން ކުރިއަށް ގެންދާ “ސިލޯނާ އެކު ދިވެހިން” ޓެލެތޯންގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން 300،000 ރުފިޔާ ހަދިޔާ ކޮށްފިއެވެ.

އިއްޔެ ހެނދުނު 9:00 އިން މިއަދު މެންދުރު 14:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓެލެތޯނަށް ޕީއެންސީން ފައިސާގެ ޗެކް ހަވާލުކޮށް ދެެއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

ޗެކް ހަވާލުކޮށްދެއްވުމަށް ފަހު ޓެލެތޯންގައި އަބްދުއްރަހީމް ވިދާޅުވީ ސްރީލަންކާ އަކީ ދިވެހިންނާ ވަރަށް ގާތް އެއްބަނޑުއެއްބަފާކަމުގެ ގުޅުމެއް، ޒަމާނުއްސުރެ އުފެދިފައި އޮތް ދެގައުމު ކަމަށާއި ދިވެހިން އެންމެ ގިނައިން ދަތުރުކޮށް އުޅޭ ގައުމު ކަމަށެވެ. އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖޭގައި ދިރިއުޅެމުންދާކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ ސްރީލަންކާ އަށް މިފަދަ ހިތާމަވެރި ކާރިސާއެއް ކުރިމަތިވުމާ އެކީގައި އެންމެ ފުރަތަމަ އެހީވާން އިސްނެގި ގައުމެއް ގޮތުގައި ފާހަގަވެފައި މިވަނީ ރާއްޖެ ކަމަށެވެ.

ތޫފާން ‘ދިތުވާ” ގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯންގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ، ލަންކާއަށް ކުރިމަތިވި ހިތާމައިގާ ދިވެހިން ބައިވެރިވަނީ ދިވެހިންނަށް ކުރިމަތިވި ހިތާމައެއްގެ ގޮތުގައި ކަމަށެވެ. ކޮވިޑް 19 ގައި ދިމާވި އިގްތިސޯދީ ކާރިސާއިން އަރައިގަނެ، ވަރަށް ރަނގަޅު މިސްރާބަކަށް ދަތުރުކުރަމުން ދިޔަ ދަނޑިވަޅެއްގައި މި ދިމާވި ހާދިސާގައި ދިވެހި ހުރިހާ ރައްޔިތުން ވެސް އެ ހިތާމައިގާ އެބަ ބައިވެރިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.