ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން އެ ގައުމުން ބައިނަލްއަގުވާމީ އެހީއަށް އެދިއްޖެއެވެ.
ސްރީލަންކާގެ ސަރުކާރުން އެދިފައިވަނީ އެ ގައުމުގެ ރައްޔިތުންނާއި ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ކާރިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
“ދީތްވާ” ތޫފާން ސްރީލަންކާ އަށް އަރާފައިވާތީ ގަދަވަޔާއެކު ކަނޑު ގަދަވެ ނުރައްކާ ވަނީ ވަރަށް ބޮޑުވެފައެވެ. މުޅި ލަންކާ އަށް ރަތް ސަމާލު ނެރެ ބޯކޮށް ވާރޭވެހޭނެ ކަމުގެ އިންޒާރެއް ވަނީ ނެރެފައެވެ.
ލަންކާގެ ރައީސް އޮފީހުގެ މީޑިއާ ޑިވިޝަން އިން ވިދާޅުވެފައިވަނީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ބޭނުން ކުރުމަށް ހާއްސަ ކުރެވިފައިވާ ބޭންކް އެކައުންޓްގެ ތަފްސީލު އެގައުމުގައި ހުންނަ ސްރީލަންކަން ޑިޕްލޮމެޓިކް މިޝަންސް އެބްރޯޑް އާއި އަދި ފޮރިން މިޝަންސް އިން ލިބެން ހުންނާނެ ކަމަށެވެ. އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކައި ސްރީލަންކާގެ ފައިސާއިން އެހީވެވޭ ގޮތަށް އެކައުންޓަކާއި އަދި ޑޮލަރުން އެހީތެރިވާން ބޭނުން ފަރާތްތަކަށް ވެސް ވަކި އެކައުންޓެއް ހުޅުވާފައިވާނެ ކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތަށް އިންޑިއާގެ އަސްކަރިއްޔާއިން މިހާރު ވަނީ އެހީތެރިވާން ފަށައިފައެވެ.
އިންޑިއާގެ ދިފާއީ ވުޒާރާގެ ސެކްރެޓަރީ އެއާ ވައިސް މާޝަލް ސަމްޕަތު ތުޔާކޮންތާ ވިދާޅުވީ ރިލީފް އޮޕަރޭޝަންތަކަށް އެހީތެރިވުމަށް އިންޑިއާގެ ހަނގުރާމަ މަނަވަރުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި އޭގެ ތެރޭގައި ހެލިކޮޕްޓަރާއި މަތިންދާބޯޓު ބޭނުންކުރުން ހިމެނޭ ކަމަށެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން އުދައެރުމާއި ބިންގަނޑު ކަނޑައިގެން ގޮސް ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 56 އަށް ވަނީ އުފުލިފައެވެ.