އަވައްޓެރި ސްރީލަންކާގެ ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ޚަބަރު ނުވެގެން ހޯދަނިކޮށް، އެ މީހުން ތިބީ ސަލާމަތުންކަން ކަށަވަރުވެއްޖެއެވެ.
ގެއްލިގެން ހޯދީ ނުވަރަލިއާގެ ފަރުބަދަ ސަރަހައްދަކަށް ދިޔަ ދެމަފިރިއަކާއި އެ މީހުންގެ ކުޑަ ދަރިފުޅެވެ. އޭގެ ތެރެއިން ދިވެއްސަކީ ދިވެހި ފިރިހެން މީހާއެވެ. އެ މީހުންގެ ހަބަރެއް ނުވެގެން އެ ގައުމުގައި ދިރިއުޅެމުންދާ އާއިލާގެ ރަހުމަތްތެރިއެއް ލަންކާ އެމްބަސީއަށް ރިޕޯޓްކުރީ މީގެ ތިން ދުވަސް ކުރިންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އެ މީހުން ތިބީ ލަންކާ މީހެއްގެ ގޭގައެވެ. އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ. ހަމައެއާއެކު މީގެ ކުރިން އެ މީހުންނާ ގުޅޭގޮތުން ނުވީ އެ ސަރަހައްދުން ކަރަންޓު ކެނޑިފައި އޮތުމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
“ދިޓްވާ” ތޫފާން ސްރީލަންކާ އަށް އަރާފައިވާތީ، ބޯކޮށް ވާރޭ ވެހި، ގަދަ ވަޔާއި ކަނޑު ގަދަވެ ނުރައްކާ ވަނީ ވަރަށް ބޮޑުވެފައެވެ. މުޅި ލަންކާއަށް ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވުމުގެ އިތުރުން, ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް އަންނަނީ ހިނގަމުންނެވެ. މޫސުން އެންމެ ގޯސް ހިސާބުތަކުގެ ތެރޭގައި ދިވެހީން ގިނައިން ދިރިއުޅޭ އެ ގައުމުގެ ވެރިރަށް ކޮލޮމްބޯ ވެސް ހިމެނެއެވެ.
ލަންކާ ސަރުކާރުން ވަނީ މޫސުން ގޯސް ވުމުގެ ސަބަބުން، ހާއްސަ ހިދުމަތްތައް ފިޔަވައި، ހުރިހާ ސަރުކާރުގެ މުއައްސަސާތަކަށް މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ކަނޑައަޅައިފައެވެ.
ސްރީލަންކާގައި މިވަގުތު 1800 އެއްހާ ދިވެހިން ދިރިއުޅެމުން އަންނަ ކަމަށް އެމްބަސީއިން މައުލޫމާތު ދެއެވެ. އޭގެ ތެރެއިން ބަޔަކަށް ގެއްލުމެއްވެގެން މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.
ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކެލާނީ ކޯރު ވާދީގެ ތިރި ސަރަހައްދުތަކަށް ފެންބޮޑުވެދާނެކަމުގެ ރަތް އިންޒާރު ނެރެފައިވާ ކަމަށް އިރިގޭޝަން ޑިޕާޓްމަންޓުން ބުނެއެވެ.
ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަކީ, 09476991666 އެވެ.