English Edition
Dhivehi Edition
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް،

މެމްބަރުންނަށް ލިބޭ މުސާރައިން އަނބިމީހާއަށް 15،000 ރުފިޔާ ދިނުމަށް ފަހު އަދި އެހެނިހެން ހަރަދުތައް ކުރުމުން އަތުގައި ބާކީ އެއްޗެއް ނޯންނަ ކަމަށް, ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ. މެމްބަރު މިހެން ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކާ ގުޅޭ ބިލަކަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސްކުރައްވަމުންނެވެ.
މެމްބަރުންގެ މުސާރައިގެ ތަފުސީލު ހިއްސާކުރައްވަމުން އައްބާސް ވިދާޅުވީ، ޓެކްސްއަށް ކަނޑާފައި މެމްބަރުންނަށް ލިބެނީ ގާތްގަނޑަކަށް 82،500 ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން 25،000 ރުފިޔާ ކުއްޔަށް ދައްކަން ޖެހޭއިރު، އަނބިމީހާއަށް 15،000 ރުފިޔާ ދޭން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ކޮފީ ބުއިމަށް 500 ރުފިޔާއާއި 1،000 ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވާތީ، މަހުގެ ނިމޭއިރު މެމްބަރުންގެ އަތުގައި އެއްވެސް ފައިސާއެއް ނުހުންނަ ކަމަށް އައްބާސް ވިދާޅުވިއެވެ.
އައްބާސް މި މޭރުމުން ވާހަކަދެއްކެވީ ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ދެމުން އަންނަ 175،000 ރުފިޔާގެ އިނާޔަތް ކަނޑާލުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ތާއީދުކޮށް ވާހަކަދައްކަވަމުންނެވެ. އައްބާސް ވިދާޅުވީ ކުރީގެ ބައެއް ރައީސުން ގައުމަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްފައި ނުވާތީ، އެ ބޭފުޅުންނަށް ދޭ އިނާޔަތްތައް ކުޑަކުރަން ޖެހޭ ކަމަށެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅާއިރު، މެމްބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ޖެހިއްޖެ ނަމަ އެކަމަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ. އެގޮތުން ހަރަދު ކުޑަކުރުމަށް މެމްބަރުންގެ އިނާޔަތް ކަނޑާލަން ނިންމައިފި ނަމަ އެކަމަށް 100 ޕަސަންޓު ތާއީދު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.