English Edition
Dhivehi Edition
ލ. ލިންކު ރޯޑުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ތިބި ސައިކަލް-ފޮޓޯ: ޕޮލިސް

ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެ އުޅަނދު ދުއްވި މީހާ 20 އަހަރަށް ޖަލަށްލެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

“އެއްގަމު ދަތުރުފަތުރުގެ ގާނޫނު” އަލުން އެކުލަވާލަން ހުށަހެޅި މި ބިލުގައި ވަނީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް އުޅަނދު ދުއްވުމަކީ ކުށެއްކަމަށެވެ. އެ ބިލުގައި ބުނެފައިވަނީ އެ ކުށުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އަދަބަކީ 20 އަހަރަށް ޖަލަށްލުމެވެ. އަދި ކުށުގެ ސަބަބުން މީހަކަށް ބޮޑު އަނިޔާއެއްވެއްޖެނަމަ، އެ ކުށް ކުރި މީހާގެ އަމަލުގެ ކުޑަބޮޑު މިނަށް ބަލައި 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުމެއް އަންނާނެ ކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން އެ ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން މީހަކަށް އަނިޔާވެއްޖެނަމަ، (އެއީ ބޮޑު އަނިޔާއެއް ނޫން ކަމުގައިވިޔަސް) އެ މީހެއްގެ އަމަލުގެ ކުޑަބޮޑު މިނަށް ބަލައި 5 އަހަރާއި 10 އަހަރު ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.