English Edition
Dhivehi Edition
މާލޭގައި މާރާމާރީ ހިންގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ
ގްރޫޕު މާރާމާރީއެއް ހިންގަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރުކުރި މީހަކަށް ފަރުވާގެ ފުރުސަތު ހޯދައިދިނުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ. މި މީހާއަކީ މާލެތެރޭގައި ނުރައްކާތެރި މާރާމާރީއެއް ހިންގަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިގެން، މި މަހުގެ 18 ވަނަ ދުވަހު ހައްޔަރުކުރި 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯޓުގައި މައްސަލަ ބެލިއިރު، ތުހުމަތުކުރެވޭ މީހާގެ އަތުން ކަޓަރު ތިލައެއް ފެނިފައިވާއިރު، އޭނާ ބުނީ އެ ގެންގުޅުނީ ނިޔަފަތި ކަނޑަން ކަމަށެވެ. އަދި އޭނާއަކީ ހެންވޭރުގެ ގްރޫޕަކަށް ނިސްބަތްވާ މީހެއްކަމަށާއި ހަށިގަނޑުގައި އެ ގްރޫޕުގެ ޓެޓޫއެއް ހުރިކަމަށް ފުލުހުން ބުނި ނަމަވެސް، އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެއީ ކުޑައިރު ފުޓުބޯޅަ ކުޅުނުއިރު ޖަހާފައިވާ އެއްޗެކެވެ. މީގެއިތުރުން، މަސްތުވާތަކެތީގެ ފަރުވާއަށް ދިއުމަށް ފުރުސަތު ލިބިފައިވާތީ ބަންދުގައި ހުރެއްޖެނަމަ އެ ފުރުސަތު ގެއްލިދާނެކަމުގެ ކަންބޮޑުވުން ވެސް އޭނާ ކޯޓުގައި ފާޅުކުރިއެވެ.

މި މައްސަލައިގައި ކޯޓުން ވަނީ އެ މީހާއަށް ފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް ފުލުހުންނަށް އަންގައި، އޭނާ ކަސްޓޯޑިއަލް ޖަލެއްގައި އިތުރު 30 ދުވަހު ބަންދުކުރުމަށް އަމުރުކޮށްފައެވެ. އޭނާއާ އެކު މި މައްސަލައިގައި ހައްޔަރުކުރި 19 އަހަރުގެ ޒުވާނާ މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ. މާރާމާރީއެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައި މިވަނީ، ރާއްޖޭގައި ގޭންގުތަކުގެ ގޮތުގައި ކިޔާނެ ގުރޫޕުތައް މިހާރު ވަރަށް މަދުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވެފައި ވަނިކޮށެވެ.