English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އަތޮޅު ކައުންސިލްތައް އުވާލާ، ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ގާނޫނަށް ހުށަހެޅި އިސްލާހުތައް ކޮމިޓީން ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނާ، ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުތައް މަޖިލީހުން އެކުލަވައިލި ވަގުތީ ކޮމިޓީން ދިރާސާކޮށް، މިއަދު ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ތެރޭގައި

  • 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 3 ކައުންސިލަރުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.
  • އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގެ ކައުންސިލަށް އައްޔަން ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 5 ކައުންސިލަރުން ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި 3 ކައުންސިލަރުން އިންތިހާބު ކުރާ ރަށު ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންޖެހޭނެ އިރު 5 ކައުންސިލަރުން އިންތިހާބު ކުރާ ކައުންސިލްތަކުގައި މިހާރުވެސް އަމަލުކުރާ ގޮތަށް 2 ގޮނޑި އަންހެނުންނަށް ހާއްސަ ކުރަން ޖެހޭނެއެވެ.

މީގެ އިތުރުން މި ގާނޫނުގައި ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ކޮމިޓީ މެންބަރުން ތިބެންވާނީ ކައުންސިލަރުންގެ އަދަދަށް ކަމަށާއި، އަންހެނުންގެ ކޮމިޓީގެ ރައީސް އިންތިހާބު ކުރާނީ ކައުންސިލް ރައީސް އިންތިހާބު ކުރާ ގޮތަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކޮމިޓީގެ ރައީސްގެ މަގާމަކީ، ފުލްޓައިމް މަގާމެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ބިލު ދިރާސާކުރުމުގެ މަރުހަލާގައި ކޮމިޓީން އިތުރު އިސްލާހެއް ގެނެސްފައިވާއިރު އެ އިސްލާހުގައިވަނީ މާލެ ސިޓީއާއި، ފުވައްމުލައް ސިޓީ ފިޔަވައި އެހެން ސިޓީތަކުގައި އާބާދީ 10،000 އާއި 25،000 ދެމެދުގެ އަދަދެއްނަމަ މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން ހިމެނުމަށެވެ. އާބާދީ 25،000 އާއި 50،000 އާ ދެމެދު ނަމަ މޭޔަރު ހިމެނޭހެން 11 ކައުންސިލަރުން ހިމެނުމަށް އިސްލާހުވަނީ ހުށަހަޅާފައެވެ. އަދި 50،000 އަށްވުރެ އިތުރުނަމަ މޭޔަރު ހިމެނޭހެން 15 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އަދި ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަ ގޮނޑިތައް ކަނޑައަޅާނީ، ހުރިހާ ދާއިރާއެއް ހަމަހަމަވާ ގޮތަށް ދައުރުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށްވެސް ވަނީ ހުށަހަޅާފައެވެ.