މި އަހަރުގެ ވޯލްޑް ސައިޓް ޑޭ ފާހަގަކުރުމަށް ކުޑަކުދިންނަށް ހާއްސަކޮށް އައި ކެއަރ އިން ހުޅުވާލި ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހެޅުމުގެ މުއްދަތު އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަށް ކުރެހުން ހުށަހެޅުމަށް ހުޅުވާލާފައިވަނީ ލޮލުގެ ފެނުމާއި ދުވަހުގެ ތީމާ ގުޅޭ ދެ ދާއިރާއަކުންނެވެ. އެއީ ލޯ ދެކެ ލޯބިވުން މާނަކުރާ ގޮތާއި ލޮލުގެ ދުޅަހެޔޮކަމާއި މީހުންނާ އޮތް ގުޅުމެވެ. ލޯ ދެކެ ލޯބިވުން މާނަކޮށް އެ މުބާރާތަށް ކުރަހާ ކުރެހުންތަކަކީ ލޮލުގެ ޓެސްޓުތައް ގަވާއިދުން ބެލެހެއްޓުމުގެ މުހިންމު ކަމާއި ސެލްފްކެއާގެ ދަށުން ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވެން ހުރި ކަންތައްތަކަށް ހިތްވަރުދޭ ކުރެހުންތަކަކަށް ވާންވާނެ ކަމަށް އައިކެއަރ އިން ބުނެއެވެ. އަދި ލޮލުގެ ދުޅަހެޔޮކަމާއި މީހުންނާ އޮތް ގުޅުން ދައްކައިދޭ ކުރެހުންތަކަކީ އާއިލާތަކާއި މުޖުތަމައުން ލޮލުގެ ފެނުމުގެ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ދައްކައިދޭ ކުރެހުންތަކަކަށް ވާން ޖެހޭ ކަމަށް ވެސް އައިކެއަރ އިން ވަނީ ބުނެފައެވެ.
މި މުބާރާތުގައި އުމުރުން 11 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ކުރެހުން ހުށަހެޅޭނެއެވެ. އޭ 4 ސައިޒުގެ ކަރުދާހުގައި ނުވަތަ ކެންވަހުގައި ކުރެހުން ހުށަހެޅޭ އިރު އަތުން ކުރަހާފައިވާ ކުރެހުންތަކާއި ޕެއިންޓް ކޮށްފައިވާ ކުރެހުންތައް ވެސް މުބާރާތަށް ހުށަހެޅޭނެއެވެ.
މާލޭގައި އުޅޭ ކުދިން ނަމަ ކުރެހުންތައް ހުށަހަޅަން ޖެހޭނީ މާލޭގައި ހުންނަ އައިކެއާގެ މައި އިމާރާތުގައި ހުންނަ އޮފީހަށެވެ. މި މުބާރާތަށް ރަށްރަށުން ކުރެހުންތައް ހުށަހެޅުމަށް ކުރެހުމުގެ ސާފު ފޮޓޮއެއް ނުވަތަ ސްކޭނެއް [email protected] އަށް މެއިލްކޮށްގެން ނުވަތަ އެންމެ ކައިރީގައި ހުރި އައިކެއާގެ އައުޓްލެޓަކަށް ހުށައަޅައިގެން ބައިވެރިވެވޭނެ އެވެ.
މުބާރާތަށް ކުރެހުން ހުށަހަޅާއިރު، ކުއްޖާގެ ފުރިހަމަ ނަމާއި އުމުރާއި އުފަން ތާރީހުގެ އިތުރުން އައިޑީކާޑުގެ ކޮޕީއެއް ބޭނުން ވާނެ އެވެ. އަދި ސްކޫލްގެ ނަމާއި ގްރޭޑާއި ބެލެނިވެރިއާއަށް ގުޅޭނެ ފޯނު ނަމްބަރަކާއި އީމެއިލް އެޑްރެހުގެ އިތުރުން ކުރެހުމަށް ހިޔާރު ކުރި ތީމް ހިމަނަން ޖެހެ އެވެ.
މުބާރާތުގައި ވަނަތަކަށް ދާ ކުރެހުން ހޮވާނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ.
ފުރަތަމަ މަރުހަލާގައި މުބާރާތަށް ހުށަހަޅާ ހުރިހާ ކުރެހުންތައް އައިކެއާގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ޕޯސްޓުކޮށް އާއްމުންގެ ވޯޓުގެ ގޮތުގައި ޕޯސްޓަށް ލައިކު ދޭން ހުޅުވާލާނެ އެވެ. އެއަށްފަަހު އޭގެ ތެރެއިން އެންމެ ގިނަ ލައިކް ލިބޭ ޕޯސްޓުތައް ބައިނަލްއަގުވާމީ ފެނުމުގެ ދުވަސް ފާހަގަކުރަން އައިކެއާއިން އާޓިފިޝަލް ބީޗުގައި ބާއްވާ ހަރަކާތުގައި ޑިސްޕްލޭކޮށް، އެ ތަނަށް ޒިޔާރަތްކުރާ މީހުންނަށް ވޯޓު ދޭން ހުޅުވައިލާނެއެވެ. އެންމެ ގިނަ ވޯޓު ލިބޭ ތިން ކުރެހުން އިއުލާނު ކުރާނީ މި ހަރަކާތުގެ ތެރޭގައެވެ.
ކުރެހުމުގެ މުބާރާތުގެ އެއް ވަނަ އިނާމަކަށް އަށް ހުށަހަޅާފައިވަނީ 5،000ރ. އެވެ. ދެވަނަ އަށް 3،000ރ. ހުށަހަޅާފައިވާއިރު ތިން ވަނައަށް ހުށަހަޅާފައިވަނީ 2،000ރ. އެވެ. މުބާރާތުގެ ޝޯޓްލިސްޓުވާ ހުރިހާ ބައިވެރިންނަށް ސެޓްފިކެޓް ލިބޭނެއެވެ.