ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމާ ސީދާ ގޮތުން ގުޅިފައިވާ މަޝްރޫއުތަކުގެ އިތުރުންވެސް، ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ވަކިވަކީން ފާހަގަކުރައްވައި، އެކަންކަމަށް އަވަސް ޙައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދެވުމާ ސީދާ ގޮތުން ގުޅިފައިވާ މަޝްރޫއުތަކުގެ އިތުރުންވެސް، ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ، ވަށާޖެހޭ ދާއިމީ ހައްލެއް މިކަމަށް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ގާއިމުކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން ކުރައްވާނެ ކަމެއްކަމުގެ ޔަގީންކަން، އައްޑޫ ސިޓީގެ ރައްޔިތުންނަށް ރައީސް ދެއްވިއެވެ. އައްޑޫ ސިޓީއަށް ދެން އެންމެ ބޮޑުވެފައި އޮތީ އިންފްރާސްޓްރަކްޗާ ނުވަތަ މަގުހެދުމުގެ މައްސަލަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި މައްސަލައަށް ހައްލެއް ނުލިބި އޮތުމުގެ ސަބަބުން އިގްތިސާދަށްވެސް ހުރަސްތަކެއް ކުރިމަތިވާކަމުގައެވެ. މަގުތައް ހެދުމަކީ ވުނޭރުންނާއި އާންމު ރައްޔިތުންނަށްވެސް ކޮންމެހެން ބޭނުން ކުރިއެރުމެއް ކަމަށާ، ވައުދުވެވަޑައިގެންނެވި ގޮތަށް، ސިޓީގެ ހުރިހާ މަގުތަކެއްވެސް ހައްދަވައި ދެއްވާނެކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ. މަގު ހެދުމުގެ މަޝްރޫއު ނިންމަވާނީ، މަރުހަލާތަކަށް ބައިނުކުރައްވައި ކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ކިތަންމެ ދަތި ހާލެއްގައި ނަމަވެސް މާލެއަށް ދިރިއުޅުން ބަދަލުކުރައްވާ އެއް ސަބަބަކީ ވަޒީފާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫ ސިޓީއިން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހަމަޖެހިގެންދާނެކަމުގެ އުންމީދީ ހަބަރު ހިއްސާކުރައްވާފައެވެ. ވަކީން ހާއްސަކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ގެންދަވާން ހަމަޖެހުނު މަޝްރޫއުތަކާއެކު، ދާދި އަވަހަށް ވަޒީފާތައް އުފެދި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އަހަރުތަކެއް ވަންދެން ކުރިއެރުމެއް ނުލިބި ހުއްޓިފައި އޮތް ޝަންގްރިއްލާ ރިސޯޓް، މިއަހަރުގެ ފަހުކޮޅު ހުޅުވޭނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާކަމަށެވެ. ހަމަ މިފަދައިން ހަންކެޑެ މަޝްރޫއުގައި ހުރި ހުރަސްތައްވެސް ނައްތާލެވި، 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫއެއް މާލަހެއް ނުވެ ފެށޭނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދަވާ އައްސޭރި ޓުއަރިޒަމް މަޝްރޫއުގެ ތެރެއިންވެސް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.