English Edition
Dhivehi Edition
ބީއެމްއެލް ސްޓާ އެވޯޑުގެ ތެރެއިން / ފޮޓޯ: ބީއެމްއެލް

ހަރުދަނާ ރަގަޅު ސިޔާސަތެއްގެ ދަށުން ހިންގޭ ތަރައްގީގެ ޕްރޮޖެކްޓްތަކަށާއި އާންމު ފަރުދުންގެ ކުރިއެރުމަށް، ހަރުދަނާ ބޭންކިން އުސޫލުތަކުގެ ދަށުން ބޭންކުން ކަންތައްތައް ކުރުމަކީ ބޭންކު ސިޔާސީ ވުންކަމަށް ގަބޫލުނުކުރައްވާ ކަމުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު “ދިވެހީންގެ ބޭންކު – މުޅިރާއްޖެއަށް” އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ ރަގަޅު ސިޔާސަތެއްގެ ދަށުން ހިންގޭ ތަރައްގީގެ ޕްރޮޖެކްޓްތަކަށާއި އާންމު ފަރުދުންގެ ކުރިއެރުމަށް، ހަރުދަނާ ބޭންކިން އުސޫލުތަކުގެ ދަށުން ބޭންކުން ކަންތައްތައް ކުރުމަކީ އެއީ ސިޔާސީވުން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށާއި ރާއްޖެއިން ބޭރަށް އެކި ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންކުރެވޭ ޑޮލަރު ލިމިޓް އިތުރުކުރުން، ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ ލިމިޓް އިތުރުކުރުން، ގެދޮރު ގަތުމަށާއި އިމާރާތް ކުރުން ފަދަ އާންމު ފަރުދުންގެ ބޭނުންތަކަށް ފައިނޭންސް ދޫކުރުމުގައި ލުއި ގޮތްތައް ހަމަޖައްސައިދިނުން، މުޅިރާއްޖޭގެ ހުރިހާރަށަކަށް ބޭންކިން ހިދުމަތް ފުޅާކުރުން، މިކަންތައްތަކަކީ ސިޔާސީވުން ނޫންކަމުގައި ޝަރީފް ވިދާޅުވިއެވެ.

“ރަގަޅު ސިޔާސަތުތަކަކަށް ބޭންކިންގ ސަޕޯޓް ދިނުން. ރަގަޅު ސިޔާސަތެއްގެ ދަށުން ބޭންކު ހިންގުން. ކުރިން މިދެންނެވި ކަންތައްތަކަކީ ސަރުކާރުން އިސްނަންގަވާފައިވާ ކަންކަމަށްވާތީވެ ނުވަތަ އެކަންތައްތައް ކުރުމުން ސަރުކާރަށް ރީތިނަން ލިބޭކަންތައްތަކަށް ވާތީވެ، އެކަން ބޭންކުން ނުކުރުމަށް ގަދަ ދެއްކުމަކީ އަޅުގަނޑު ދެކޭގޮތުގައި އެއީ ސިޔާސީވުންކަމަށް ވެސް ބެލިދާނެ. އަޅުގަނޑު މިވާހަކަ މި ދަންނަވާލީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ހިއްސާދާރުންގެ މައުލޫމާތަށްޓަކައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަހަރު ނިންމާލާނީ ހުރިހާގޮތަކުން ބޭންކަށް އެންމެ ރަގަޅު އަހަރުގެ ގޮތުގައި. މިކަން ބޭންކުގެ މިއަހަރުގެ 3 ވަނަ ކްއާޓަރގެ ރިޕޯޓުންވެސް ހިއްސާދާރުންނަށް ޔަގީންވާނެ. މިކަމުން ދޭހަވާ އެއްކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދަށް އަންނަ ކުރިއެރުން. ” ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ޝަރީފް ވިދާޅުވީ ދިވެހިންގެ ބޭންކެއް ދިވެހިންނާ ހަމަޔަށް ގެނައުމުގެ ބޭނުމަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދިނުމާއި މުޅި ދިވެހިރާއްޖޭގެ މާއްދީ ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.