English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައިހުރި 2 ކޮންޓެއިނާގެ ސިނގިރޭޓް ހުޅުމާލޭ ޕޯޓުން ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރީ ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު، 54، އެވެ. އޭނާއަކީ ސިނގިރޭޓު ވަގަށް ނަގުމަށްފަހު، އެހެން ތަނަކަށް ކޮންޓެއިނަރުތައް ގެންދިޔުމަށް ބޭނުން ކުރި ދޯނީގެ ކެޕްޓަނެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް ވަނީ ޖަހައިފައެވެ. އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ އެ ކޮންޓެއިނަރުތައް އުފުލި ދޯނީގެ ކެޕްޓަން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި އޭނާގެ މައްޗަށް ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކަމަށެވެ.

މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރުގެ ސިނގިރޭޓް ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޓަރމިނަލުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ޖުމްލަ 6 މީހަކު ވަނީ ބަންދުކޮށްފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު ކ. ތިލަފުށީގެ އެކިއެކި ސައިޓުތައް ބަލައިފާސްކުރުމަށް އޮކްޓޯބަރު 19، 2025 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ 2 ކޮންޓޭނަރުގެ ބައިތައް ވަނީ ހޯދާފައެވެ.