English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ށ. ފޭދޫގެ ރައްޔިތުންނަށް އެންމެ މުހިންމީ، ތައުލީމީ ދާއިރާއިން ރަށަށް އަންނަންޖެހޭ ތަރައްގީއާ ގުޅޭ މަޝްރޫއު ނިންމުން ކަމަށާ، ރަށުގައި މިވަގުތު ކުރަން ހުރި ހުރިހާ ކަމެއްގެ ތެރެއިންވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން، އެކަން ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން، ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު، ށ. ފޭދޫގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ށ. ފޭދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސްކޫލު ތަރައްގީ ކުރުމުގެ މަޝްރޫޢު މަޑުޖެހިފައި އޮންނަތާ 2 އަހަރެއްހާ ދުވަސްވެފައިވާއިރު، މިދިޔަ ދުވަސްތަކުގައި ސަރުކާރުން މަސައްކަތްކުރެއްވީ ހެދިފައި އޮތް އެއްބަސްވުމުގެ ތެރެއިން މަޝްރޫޢު ކުރިއަށް ގެންދެވޭނެ މަގެއް ހޯއްދެވުމަށް ކަމަށާ، ނަމަވެސް އެ ދުވެލީގައި ކުރިއަށް ދިއުމަކީ ގަބޫލުފުޅުކުރައްވާ ގޮތް ނޫން ކަމުގައެވެ. އެހެންކަމުން، މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށްފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ބާރު ދުވެލީގައި މިމަސައްކަތް ފައްޓަވައި، ރަށުގައި ކުރަން ހުރި ހުރިހާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން، ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ކުލާސްރޫމްތައް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގެންގޮސް، ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ހަމަމިއާއެކު ރަށުގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ އެދުމާ އެއްގޮތަށް މޫދަށް އެރޭނެ ސަރަޙައްދެއް ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުމާއި މަގު ހެދުން ފަދަ މަޝްރޫޢުތައް ގުޅިލާމެހިފައިވާ ގޮތެއްގައި، ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ށ. ފޭދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫ އާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައެވެ. މި މަޝްރޫއުތަކަކީ ރަށުގެ ރައްޔިތުންނަށް ނުހަނު މުހިންމު މަޝްރޫއުތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސިއްހީ ދާއިރާގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރަށުގެ ސިއްހީ މަރުކަޒުން 24 ގަޑިއިރުގެ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. މިއާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުވައްޒަފުން ހޯދުމުގެ ކަންކަން ހަމަޖެހި، ހިދުމަތްތައް ފުޅާކުރުމަށްޓަކައި ތަރައްގީކުރަންޖެހޭ އެކްސްޓެންޝަން ޢިމާރާތުގެ ކަންކަންވެސް ހަމަޖެހިގެންދާނެކަމުގެ ހަބަރު، އެމަނިކުފާނު ވަނީ ށ.ފޭދޫގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

ކުޅިވަރުގެ ދާއިރާއިން މިއަހަރު ތެރޭގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް ފައްޓަވައި، ފުޓްސަލް އަދި ފުޓުބޯޅަ ދަނޑަށް ގެންނަންޖެހިފައި ހުރި އިތުރު އަޕްގްރޭޑްތައް ގެނެސްދެއްވާނެކަމުގައި އެމަނިކުފަނު ވިދާޅުވިއެވެ. ހަމަމިއާއެކު ރަށުގެ އިންޖީނުގެ، އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ ކަންކަންވެސް ކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، މިއަހަރު ތެރޭގައި ފުލުހުންގެ މަރުކަޒު އަޅަން ހަމަޖެހިފައިވާ ރަށްރަށުގެ ލިސްޓުގައި ށ. ފޭދޫ ހިމެނޭ ކަމަށާ، ޗައިނާގެ ހިލޭ އެހީގެ ދަށުން ކައުންސިލް އިދާރާ އިމާރާތްކުރާ ރަށްރަށުގެ ލިސްޓުގައިވެސް ށ.ފޭދޫ ހިމެނޭކަމުގައި ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ށ. ފޭދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށުގެ ގިނަ ރައްޔިތުންތަކަކާ ބައްދަލުވެވަޑައިގެން، ވާހަކަތައް ހިއްސާކުރައްވާފައިވާކަން ފާހަގަކުރައްވައި، ރައްޔިތުންގެ އިޙްސާސްތަކާއި ވިންދާ ގުޅޭ ގޮތަށް، ފޭދޫގެ ކަންކަން ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވަމުންނެވެ.