ސަރުކާރުގެ ހަރަދުގައި 1447 ވަނަ އަހަރު ހައްޖަށް ފޮނުވާ 50 ހައްޖުވެރިން ހޮވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހއްމަދު މުއުޒުގެ ވައުދާއި އެއްގޮތަށް، ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ 50 ފަގީރުން ހޮވާފައިވަނީ ގުރުއަތުންނެވެ.
އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ 1445 ވަނަ އަހަރުއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރައީސްގެ ރިޔާސީ ވައުދުގެ ދަށުން 1445 ވަނަ އަހަރާއި 1446 ވަނަ އަހަރު ހައްޖު މޫސުމުގައިވެސް 50 ފަގީރުން ހައްޖަށް ފޮނުވާފައިވާކަމަށެވެ.
މިއަހަރު ހައްޖަށް ފޮނުވާ ފަގީރުން ހޮވުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި، ގުރުއަތު ނަގާފައިވަނީ 1447 ވަނަ އަހަރު ސަރުކާރުގެ އެހީގައި ހައްޖަށް ފޮނުވާ 50 ފަގީރުންނާއި، އެއްވެސް ހާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުސަތު ދޭނެ 25 މީހުންނެވެ.ސަރުކާރުގެ ހަރަދުގައި ހައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެއްކަން މިނިސްޓްރީން ވަނި ފާހަގަކޮށްފައެވެ.
ފަގީރުންގެ ލިސްޓުގައި މިވަގުތު ފަރުޟު ހައްޖު އަދާނުކޮށް 376 މީހުން ތިބިއިރު ރައީސް މުއިއްޒުގެ މި ދައުރުގެ ތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ހައްޖު ނުކުރާ އެންމެން ހައްޖަށް ފޮނުވައި ނިމޭނެއެވެ.