އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގައި ބޭއްވި “ފަހެލި ބޫޓް ކޭމްޕް 2025” ނިންމާ ލައިފިއެވެ.
އެއްމަސް ދުވަހަށް ކުރިޔަށް ގެންދިޔަ މިކޭމްޕް 100 މީހުންނަށް ހުޅުވާލިނަމަވެސް ކޭމްޕްގައި ބައިވެރިވެ ކޭމްޕް ނިންމާލީ 60 ބައިވެރިންނެވެ.
އަންހެނުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ބޭއްވި މިކޭމްޕަކީ ކަސްރަތުގެ އިތުރުން ދިރިއުޅުމުގައި އަންހެނުންނަށް ދިމާވާ އެކި އެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބޭނުންކުރެވިދާނެ “ކީ ސްކިލްސް އެންޑް ސްޕެޝަލައިޒޭޝަންސް”، މެންޓަލް ހެލްތް އަދި ކަނޑުމަތީގެ ކާރިސާތަކުން ސަލާމަތް ވުމަށްޓަކައި ކުރެވިދާނެ ކަންކަން ފަދަ ކަންތައްތައް ހިމަނައިގެން ކުރިއަށް ގެންދިޔަ ބޫޓް ކޭމެޕެކެވެ.
މި ބޫޓް ކޭމްޕް ކުރިޔަށް ގެންގޮސްފައިވަނީ ޓްރެއިނަރ އަޒްފާ ސައީދު، އެމް.އެން.ޑީއެފް ،ޕޮލިސް އަދި އެމް.އާރުސީ ، ނެޝަނަލް ކޮލެޖްއޮފް ޕޮލިސް އެންޑްލޯ އެންފޯސްމެންޓް ގެ އެހީތެރިކަމާއެކުގައެވެ.
މިކޭމްޕްގައި ބައިވެރިވެ ވަނަތައް ހާސިލް ކުރި ބައިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން އިނާމު ދީފައި ވެއެވެ. އަދި ބައިވެރިވި ހުރިހާ މެމްބަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައި ވެއެވެ.
މި ބޫޓްކޭމްޕް އިން4.550 ކިލޯ ލުއިކޮށް 3 ވަނަ ހާސިލްކޮށްފައި ވަނީ ސ. ހުޅުދޫ ޝަހުލާ ، ދެވަނަ ހާސިލް ކޮށްފައިވަނީ 4.60 ކިލޯ ލުއިކޮށްގެން ސ.ހުޅުދޫ ސަނާ ނަޖުމީ އަދި ފަހުރުވެރި އެއްވަނަ ހާސިލްކޮށްފައިވަނީ 6.01ކިލޯ ލުއިކޮށްގެން މެޒޯ ސ.މީދޫ އާމިނަތު އަޒްމީނާ އެވެ.

މީގެ ކުރިން އައްޑޫގެ ގުޅިފައިވާ ރަށްތަކުގައިވެސް ފަހެލި ބޫޓް ކޭމްޕް 2025 ކުރިއަށް ގެންގޮސްފައިވާއިރު، މި ބޫޓް ކޭމްޕްގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާކަން ފާހަގަކޮށްލެެވެއެވެ.