English Edition
Dhivehi Edition
ރަކީދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

ވ. ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރުމަށް އެ ރަށުގެ އާބާދީގެ 80 އިންސައްތަ މީހުންގެ ތައީދު ލިބޭނަމަ، އެކަން އެގޮތަށް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ފެލިދެ އަތޮޅު ރަކީދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ. މިއަދު ރަކީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ރައްޔިތުންގެ އާއްމު އިޖްތިމާއީ ކުރިއެރުމަށް ރައްޔިތުން ހުށައަޅަން ބޭނުންވާ ކަންކަން ހުށައެޅުމުގެ ފުރުސަތު ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވ. ރަކީދޫގެ ރައްޔިތުން ވަނީ، އެހެން ރަށަކަށް އާބާދީ ބަދަލުވުމަށް އެދޭކަން ހާމަކުރައްވާފައެވެ. ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އާބާދީއާއި ތަރައްގީ އެއްފަސްކުރުމަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިކަމުގައި ގޮތެއް ނިންމަވާނީ، ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެންކަމަށެވެ. އަދި އެގޮތަކީ، ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ވާންޖެހޭނެކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ވ. ރަކީދޫއަކީ ރަށު ފަތުރުވެރިކަން ތަރައްގީވެ، ކުރިއަރަމުން އަންނަ ރަށަކަށް ވާއިރު، އާބާދީއާ ތަރައްގީ އެއްފަސްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، މިކަމަށްވެސް ސަރުކާރުން ރިއާޔަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.