އައްޑޫ ސިޓީ ނޫރާނީ ސްކޫލާއި، ހިތަދޫ ސްކޫލުގެ އިތުރުން ޝަރަފުއްދީން ސްކޫލު ދަރިވަރުންނަށް ހާއްސަކޮށްގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަންތަކަކީ އޮގަސްޓު 23 އިން ސެޕްޓެންބަރު 5 އަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ “ރައްކާ” ޕްރޮގްރާމުގެ ދަށުން ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ސެޝަންތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަންތަކެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިގޮތުން، ހިތަދޫ ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސެޝަންގައި، ޖުމުލަ 320 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ޝެޝަންގައި މަގުމަތީގައި ސަލާމަތީ ފިޔަވަޅުތައް އަޅަންވީ ގޮތާއި، އެއްގަމު އުޅަނދު ދުއްވާއިރު ސަމާލުކަން ދޭންވީ ކަންކަމުގެ މައުލޫމާތު ދީފައިވާކަން ހާމަކޮށް ފުލުހުން ބުނީ މި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުންނަށް މަގުމަތީގެ ގަވާއިދުތަކާއި އަމަލުކުރަންޖެހޭ ގޮތްތައް ވަރަށް ރަނގަޅަށް އޮޅުންފިލާފައިވާ ކަމަށެވެ.
މީގެ އިތުރުން، ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަނުގައި، ޖުމުލަ 128 ދަރިވަރުން ބައިވެރިވެފައިވެފައިވާއިރު މި ސެޝަންގައި ވެސް ދަރިވަރުންނަށް މަގުމަތީގައި ހިނގާބިނގާވެ އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާއި، އެއްގަމު އުޅަނދުގައި ދަތުރުކުރާއިރު ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްގެ ދަށުން، ޝަރަފުއްދީން ސުކޫލުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޝެޝަނުގައި ޖުމުލަ 542 ދަރިވަރުން ބައިވެރިވެފައިވެއެވެ. “ރައްކާ 2025” ގެ ދަށުން ކުރިއަށް ގެންދިޔަ މި ސެޝަންގައި ދަރިވަރުންނަށް މަގުމަތީގެ ގަވާއިދުތައް އޮޅުންފިލުވައިދީ އަދި މަގުމަތީގައި ދިމާވެދާނެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފަދަ މުހިންމު ކަންކަން ދަސްކޮށްދިނުމަށް ވަނީ ބާރުއަޅާފައެވެ.
މި ފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ ދަރިވަރުންގެ ތެރޭގައި މަގުމަތީގެ ސަލާމަތަށް އޮންނަ އަހައްމިއްޔަތުކަން އިތުރުކޮށް، މުޖުތަމައުގައި ޒިންމާދާރުކަން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން، މަގުމަތީގެ ގަވާއިދުތަކާއި، މަގުމަތީގެ ރައްކާތެރިކަމާއި، މަގުމަތީގައި ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް މަސައްކަތްކުރާނެ ގޮތްތައް މި ޕްރޮގްރާމްތަކުން ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.