English Edition
Dhivehi Edition

ފްރެންޗް ފްރައިސްއަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލް އެއްޗެކެވެ. އާންމު ގޮތެއްގައި އެ ހަދަނީ އަލުވި ތެލުލައިގެންނެވެ. ދާދި ފަހުން އެމެރިކާގައި ކުރި ދިރާސާއަކުން ދައްކާ ގޮތުން ތެލުލިއަލުވި ކެއުމުން މީހާ މަރުވުމުގެ ފުރުސަތު ދެގުނައަށް އިތުރުވެއެވެ. ޑޮކްޓަރ ނިކޯލާ ވެރޮނީސް އާއި އެނާގެ ޓީމުން ރާއްޖެބައްޔާ ބެހޭގޮތުން ދިގުމުއްދަތަކަށް ކުރަމުން އައި ދިރާސާއެއްގެ ތެރޭގައި، އެމީހުންގެ ދިރާސާގެ އިތުރުން މީހުން އަލުވިކާމިންވަރު ބަލަން އަމިއްލަ ދިރާސާއެއް ހެދިއެވެ. މި ދިރާސާގެ ބައިވެރިންނަކީ އުމުރުން 45 އާއި 79 އަހަރާ ދެމެދުގެ މީހުންނެވެ. މިދިރާސާ ކުރުމަށްޓަކައި އާންމު ދިރިއުޅުމުގައި ހަފްތާއަކު އެމީހަކު އަލުވިކަނީ ކިހަވަރަކަށް ކަމަށް ބަލައިފައިވެއެވެ. އެވަރަށް ބެލުމަށްފަހު ދިރާސާގެ ބައިވެރިންވަނީ ގްރޫޕުތަކަކަށް ބަހައިފައެވެ. މިދިރާސާ އަށް އަހަރަށް ކުރިއަށް ގެންގޮސްފައިވެއެވެ. އެ އަށް އަހަރުގެތެރޭގައި 236 މީހުން ވަނީ މަރުވެފައެވެ. ތެލުލި އަލުވިގެ ގޮތުގައި މިދިރާސާގައި ބަލާފައިވަނީ ހަމައެކަނީ ފްރެންޗް ފްރައިޒެއް ނޫނެނެވެ. އޭގެ އިތުރުން އަލުވި ‘ފްރައި’ ކޮށްގެން ކެވޭ އެހެނިހެން ކާއެއްޗެހިވެސް ހިމަނާފައިވެއެވެ. މިދިރާސާއިން ވެރޮނީސްގެ ޓީމަށް އެއްކުރެވުނު މައުލޫމާތު ބޭނުންކޮށްގެން އެމީހުން ރިޕޯޓެއް ތައްޔާރު ކުރިއެވެ. ވެރޮނީސް ބުނިގޮތުގައި ތެލުލި އަލުވިއަކީ ގިނަމީހުންގެ ސިއްޙަތަށް އެހާފައިދާ ހުރި އެއްޗެއް ނޫންކަން އެނގުނު ކަމަށެވެ. ނަމަވެސް މިކަމަށް ސައިންސްގެ އަލީގައި މާބޮޑަށް ބެލިފައި ނުވާކަން އޭނާ ފާހަގަ ކުރިއެވެ. މި ދިރާސާއަކީ ހަމައެކަނި އެމީހުންގެ ކެއުމަށް ބަލައިގެން ހެދި ދިރާސާއެކެވެ. އެހެން ކަމުން ތެލުލި އަލުވި ކެއުމުން އަވަހަށް މަރުވާ ކަމަށް ނިންމެން ނެތްކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. މިކަމަށް އިތުރު ދިރާސާ ތަކެއް ކުރުން މުހިންމު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މިދިރާސާހެދި ޓީމުން ބުނެފައިވަނީ ތެލުގައި ޓްރާންސް-ފެޓް އިތުރަށް ހުރުމަކީ މީހާގެ ސިއްޙަތަށް ގެއްލުންހުރި ކަމެކެވެ. ހަށިގަންޑުގައި ‘ބޭޑް ކޮލެސްޓްރޯލް’ އިތުރުވުމުން ހިތުގެ ބަލިތައް ގިނަވާކަން އެންމެން ދަނެއެވެ. އެހެންކަމުން މީހާގެ ފުރާނައަށް ނުރައްކާވާ މިންވަރު އިތުރުވެގެން ދެއެވެ. މި ދިރާސާއާއި ގުޅިގެން އެމެރިކާގެ ‘ނޭޝަނަލް ޕޯޓޭޓޯ ކައުންސިލްގެ’ ޖޯން ކީލިން ބުނެފައި ވަނީ ދިރާސާއިން މާ ބޮޑު ކަމެއް ނޭނގޭ ކަމަށެވެ. އަލުއްވަކީ އޭގެޒާތުގައި ސިއްޙަތައް ވަރަށް ފާއިދާ ހުރި އެއްޗެއް ކަމަށް އޭނާބުންޏެވެ. އަލުވި އެބަޔަކު ތައްޔާރުކުރާ ގޮތުން އޭގައި ހުންނަ ސިއްހަތަށް ފާއިދާވާ މާއްދާތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް އޭނާ ބުނެއެވެ. އެއްޗެއް ތެލުލުމުގައި އެންމެ ބޮޑު ނުރައްކަލަކީ ‘އެކްރިލްއެމައިޑް’ އެވެ. މިއީ ކާތަކެތި ތައްޔާރު ކުރާއިރު މާ ބޮޑަށް ރަތްވެ އެންދުމުން އުފެދޭ މާއްދާއެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުން މި މާއްދާއަކީ ކެންސަރަށް މަގުފަހިވާ މާއްދާއެކެވެ. އެހެން ކަމުން ކޮންމެ އެއްޗެއް ތެލުލިޔަސް އެ ކާންވާނީ ބަލައިގެންނެވެ.