ތުރުކީން ހަދިޔާކުރި، މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މަނަވަރު ހަވާލުކުރުމަށް ރޭ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ތުރުކީން، ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު ގައުމީ ދިފާއީ ބާރާ ހަވާލުކޮށްދެއްވީ، ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒްއެވެ. ގައުމީ ދިފާއީ ބާރުގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރުގެ ނަން ކަޝްފުކޮށްދެއްވައި، މަނަވަރުގެ ހިދުމަތް ފެށުމުގެ ލިޔުމާއި ދިވެހިރާއްޖޭގެ ގައުމީ ދިދަ ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި މަނަވަރާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާފައިވެއެވެ. މީގެ އިތުރުން ރައީސް ވަނީ މަނަވަރު ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ތުރުކީން ދިވެހިރާއްޖެއަށް ހަދިޔާކުރި މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެބޮޑު އުޅަނދެވެ. މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.