English Edition
Dhivehi Edition

އެމްޑީޕީގެ ވެރިކަމުގައި ޕީޕީއެމް-ޕީއެންސީ ހިންގި ‘އިންޑިއާ އައުޓް’ ކެމްޕެއިންގައި، އެ އިބާރާތް ބޭނުންކޮށްފައިވާ ފޮޓޯއެއް ސޯޝަލް މީޑީއާއިން ނުފެންނަކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވަނީ ‘އިންޑިއާ އައުޓް’ ޖެހި ޓީޝާޓެއްގައި ހުންނެވިންތޯ ސުވާލުކުރައްވާފައެވެ.

“ސޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައިނުގަންނަވާނެ ‘އިންޑިއާ އައުޓް’ ޓީޝާޓް ލައިގެން އަޅުގަނޑު ހުއްޓާ. އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެދާނެ،” ހަލީލު ވިދާޅުވިއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި ރައްޔިތުން ބޭނުންވާ ގޮތަށް އަމަލުކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަރަށް ހާއްސަ އިސްކަމެއް ދެއްވާކަމަށެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކަކީ މުޅި ދުނިޔެ ބަލައިގަންނަ ސިޔަސަތުތަކެއްކަމަށެވެ.