ކަމަދޫގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމުގައި ކުރިއަށް ވަޑައިގަންނަވާނީ، ބާކީކުރެވި، ޗާޓުން އެއްކިބާކުރެވިފައި އޮތް އޮތުމަށް ނިމުން ގެންނަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައިގެން ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު، ރައީސް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަމަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވަނީ ރަށުގެ ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހިންގަވައިދެއްވާނެ މުހިންމު މަޝްރޫއުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ ތަރައްގީއަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް، ކުޅިވަރުގެ ދާއިރާއިން، ރަށުގެ ފުޓުބޯޅަދަނޑުގައި ކުރަންހުރި މަސައްކަތްތައްވެސް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ބ. ކަމަދޫއަކީ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ އަދި ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ރަށުގެ މަގުހެދުމުގެ މަޝްރޫއު ހިންގުމުގައި ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ކަންކަން ކުރިއަށް ގެންދެވުމަށް އެމަނިކުފާނު ތާއީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވައި، ގިރާ ސަރަޙައްދުގެ މައްސަލައާއި އެ ފަދަ ކަންބޮޑުވުންތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ކަމަދޫ ސްކޫލުގެ އައު އިމާރާތަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން، ކަމަދޫއަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ ތަނަކަށް ސްކޫލް އިމާރާތް ހަދައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި ސީޕްލޭންގެ ހިދުމަތް ފެށިގެން ދިއުމަކީ ވަރަށް ބޮޑު އިގްތިސާދީ ފައިދާއެއް ރަށަށް ކުރާނެ ކަމެއްކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.