ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފުލުހުންނަށް ބޮޑު ކުރި މުސާރަ ނުލިބޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްސްއަށް ދޭ މުސާރައިގެ 85 އިންސައްތަ 2024 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން، އެ އެއަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ނުދޭ ކަމަށް ބުނެ ފަތުރަމުން ދާ ހަބަރާއި ގުޅިގެން އެ އިދާރާއިން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.
ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ކަނޑައެޅި ގޮތަށް ބޮޑުކުރި މުސާރަ އެއްވެސް އުނި އުތުރު ކުރުމެއް ނެތި ދެމުންދާ ކަމަށެވެ. އަދި ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ހިދުމަތަކީ އާންމު ފުލުހުންނާ، ހިލާފަށް އެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާ އެއްބެސްވުމެއްގެ ދަށުން ދެވޭ ހިދުމަތެއްކަން ފާހަގަކޮށް އެ ހިދުމަތުން ބުނީ އެ ފަރާތްތަކާއެކު ހަދާފައިވާ ކޮންޓްރެކްޓުގެ ދަށުން ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ކޮންސްޓެބުލަރީގެ މުސާރަ ދިނުމުގައި އަމަލު ކުރަމުންދާ ކަމަށެވެ. އަދި އަލަށް އެ ހިދުމަތައް ވަންނަ ފަރާތްތަކާއެކު ވެސް އެއްބަސްވުމުގެ ދަށުން އިތުރުކުރި މުސާރަ ދެމުންދާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު އެ އިދާރާތަކުގެ މުސާރަ ބޮޑުކުރަން ރައީސް މުއިއްޒު ވިސްނަވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ އަހަރު 35 ޕަސެންޓު، ދެ ވަނަ އަހަރު 25 ޕަސެންޓު، އަދި ދައުރުގެ ފަހު އަހަރު ބާކީ 40 ޕަސެންޓު މުސާރަ ބޮޑުކުރާ ގޮތަށް ވަނީ ނިންމާފައެވެ.