އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގައި ބާއްވާ “ފަހެލި ބޫޓް ކޭމްޕް 2025” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މިބޫޓް ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން 1 ކްލާހެއްގެ ގޮތުގައިކަމަށެވެ. މިކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 09 އޮގަސްޓް 2025 ން ފެށިގެން 1 މަސް ދުވަހުގެ މުއްދަތަކަށެވެ. ޕްރޮގްރާމްގައި ބައިވެރިކުރުމަށް ބޮޑަށް އިސްކަންދިނުމަށް ހަމަޖެހިފައިވަނީ މިފަދަ ޕްރޮގްރާމެއްގައި ކުރިން ބައިވެރިވެފައިނުވާ ފަރާތްތަކަށްކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
“ފަހެލި ބޫޓް ކޭމްޕް 2025” ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖުލައި 2025 ން 29 ޖުލައި ގެ ނިޔަލަށް ބަންދު ނޫން، ކޮންމެ ދުވަހަކު ހެނދުނު 9:00 ން 12:00 އާއި ދެމެދުގެ ގަޑިތަކުގައި، ބޫޓް ކޭމްޕްގައި ބައިވެރިވުމަށް، ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރު 9336787 އަށް ގުޅުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
މީގެ ކުރިން އައްޑޫގެ ގުޅިފައިވާ ރަށްތަކުގައިވެސް ފަހެލި ބޫޓް ކޭމްޕް 2025 ކުރިއަށް ގެންގޮސްފައިވާއިރު، މި ބޫޓް ކޭމްޕްގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާކަން ފާހަގަކޮށްލެެވެއެވެ.