English Edition
Dhivehi Edition

މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދު 17، ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މުއައްސަސާއިން ބުންޏެވެ. ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށާއި އަނެއް ދެ މީހުންގެ ހާލު ސީރިއަސް ކަމަށެވެ.

އެ އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގު ބަސް ޓާމިނަލް ކައިރީ ޒިބްރާ ކްރޮސްގައެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ ޒިބްރާ ކްރޮސް އިން މީހަކު ހުރަސް ކުރަނިކޮށް ސައިކަލުން އައިސް އޭނާގެ ގައިގައި ޖެހުމުންނެވެ.

އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ކަސްރަތަށް ދުވަން އުޅުނު މީހަކު މަގު ހުރަސް ކުރަން ކަފިހި ހުރަސް މަތިން ދަނިކޮށް ބާރަށް ދިޔަ ސައިކަލު އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. އެ މީހާ ވިއްސައިގެން ދިޔައިރު ސައިކަލުގައި ތިބި ދެ ކުދިން ގޮސް ޕިކަޕް ދަށުވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

އެކްސިޑެންޓުވި ސައިކަލާއި ހެލްމެޓްގެ ބައިތައް ވެސް އޮތީ މަގުމަތީގައެވެ. އަދި ޕިކަޕަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ފުލުހުން ގެންދަނީ މި އެކްސިޑެންޓު ހިނގި ގޮތް ތަހުގީގު ކުރަމުންނެވެ.