English Edition
Dhivehi Edition
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ރައްޔިތުންގެ މަޖިލީހަށް ޕީ.އެން.ސީ.ގެ މެންބަރުން ބިލު ހުށަހަޅާއިރު، އެ ބިލަކީ ރައީސްގެ ލަފާފުޅާ އިރުޝާދުގެ ދަށުން ހުށަހެޅި ބިލެއް ކަމަށް މެންބަރުން ވިދާޅުވާ ހިސާބުންވެސް ރައްޔިތުން ޝައްކުގެ ނަޒަރުން ބަލާކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގެ ބަހުސްގައި އަހުމަދު ދީދީ ވިދާޅުވީ ރައީސްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރާ ކަމެއް ނަމަ އެކަމުގައި އޮންނާނީ މަކަރާއި ހީލަތާއި ދޮގު ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

މި ބިލަކީ މުހިންމު ބިލެއް ނަމަވެސް، މިހާތަނަށްވެސް ސަރުކާރުން ކަންކަން ކުރަމުން ގެންދިޔައީ މި ބިލުގައި ހުށަހަޅާ ހިޔާލާ މުޅީން ދެކޮޅަށްކަން ފާހަގަކުރައްވަމުން އަހުމަދުދީދީ ވަނީ އައްޑޫ ހަންކެޑެ ޕްރޮޖެކްޓް ބަދަލުކުރުމުގެ ކުރިން އެއްވެސް ވަރަކަށް ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާ ކަމަށެވެ.

މި ބިލަށް މަޖިލީހުގައި ބަހުސްކޮށްފައިވާއިރު، މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް ނިންމާ، ބިލު ބަލައިގަތުމަށް ފެނެންނަ، ނުފެންނަ ވޯޓަށް ވަނީ އަހާފައެވެ. މި ބިލު ބަލައިގަތުމަށް ފެންނަކަމަށް އިދިކޮޅު އެމްޑީޕީ މެންބަރުންވެސް ވޯޓު ދެއްވާފައިވާއިރު، މި ބިލު ބަލައިގަތީ 62 މެންބަރުންގެ ތާއީދާ އެކުގައެވެ.