English Edition
Dhivehi Edition
އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ޙާލު ކިހިނެއް؟ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި ފަށައި، ހިތަދޫގެ ގެތަކަށް ކުރި ޒިޔާރަތްތަކުގެ ތެރެއިން: ފޮޓޯ މިނިސްޓްރީ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ “ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި އައްޑޫ ސިޓީގައި ފަށައިިއެވެ.

ހާލު ކިހިނެއް ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އައްޑޫ ސިޓީގައި “ހާލު ކިހިނެއް؟” ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ. އަދި މިހާރު ކުރިއަށް ގެންދަނީ ޕްރޮގްރާމުގެ ދެވަނަ ފިޔަވައްސެވެ.

މި ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި އައްޑޫގައި ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި ފަށައި، ހިތަދޫގެ ގެތަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އައްޑޫގައި “ހާލު ކިހިނެއް” ޕްރޮގްރާމް ފެށުމުގެ ގޮތުން، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޓީމުން ވަނީ އައްޑޫ ސިޓީގެ ކައުންސިލާ ބައްދަލުކޮށް، އެ މަސައްކަތް ކުރިއަށްގެންދާނެގޮތާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަލް ލަހުފާއާއި އަދި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ “ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި އެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / މިނިސްޓްރީ

މީގެ އިތުރުން މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި އައްޑޫ ސިޓީ ފޭދޫގައި ކުރިއަށް ގެންދިއުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. ފޭދޫ އަވަށުއޮފީހުން ވަނީ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމާއި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި މި ޕްރޮގްރާމް ފޭދޫގައި ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް ފޭދޫ އަވަށު އޮފީހުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އައްޑޫ ސިޓީއަކީ މާލެ ފިޔަފައި އެއް ސަރަޙައްދެއްގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަޙައްދެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އައްޑޫގައި ދިރިއުޅޭ ދިވެހިންގެ އާބާދީ 20،000 އިން މައްޗަށް އަރައެވެ.