English Edition
Dhivehi Edition

ފީފާ އިން އިންތިޒާމް ކޮށްގެން ކްލަބް ތަކުގެ މެދުގައި ކުޅޭ ކްލަބް ވޯލްޑްކަޕް ކުޅެމުންދާ މުއްދަތުގައި، ކޮންކާކަފް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ ގޯލްޑް ކަޕް ވެސް ފަށައިފިއެވެ.

32 ޓީމު ބައިވެރި ކޮށްގެން މުޅިން އާ ފޯމެޓަކަށް ފަށާ ކްލަބް ވޯލްޑް ކަޕް މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަކަށް އެމެރިކާގައި ކުރިއަށް ދާއިރު، ގޯލްޑް ކަޕް ވެސް އެމެރިކާގައި މިއަދު ވަނީ ފަށައިފަ އެވެ.

ގޯލްޑް ކަޕް ކުރިއަށް ދާނީ އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށެވެ.

ރާއްޖެ ގަޑިން ފަތިހު 5 ޖެހި އިރު ކްލަބް ވޯލްޑް ކަޕް ފަށާފައި ވާއިރު، ގޯލްޑް ކަޕް ފެށީ ހެނދުނު 7:15 ގައި މެކްސިކޯ އާއި ޑޮމިނިކަން ރިޕަބްލިކް ބައްދަލުކުރި މެޗުންނެވެ.

މެކްސިކޯ ވަނީ މި މެޗުން 3-2 އިން މޮޅުވެފަ އެވެ. ގޯލްޑް ކަޕްގެ މެޗުތައް ފަށާނީ ރާއްޖެ ގަޑިން މެންދަމު 3 އާއި ހެނދުނު 7 އާ ދެމެދުއެވެ.

ފުޓްބޯޅައިގެ ދުނިޔޭގައި ހަރަކާތްވެރިވާ ފާހަގަ ކޮށްލެވޭ ގިނަ ފަރާތްތަކެއްގެ ފާޑު ކިޔުން އަމާޒުވެގެންދާ މި ފަހަރުގެ ކްލަބް ވޯލްޑް ކަޕް މުބާރާތުގެ ފުރަތަމަ މެޗުގައި، ބައްދަލުކުރީ އެފްރިކާ ބައްރުން މިމުބާރާތުގައި ވާދަކުރާ އެއް ޓީމު ކަމުގައިވާ މިސްރުގެ އަލް އަހްލީ އާއި މުބާރާތް ބާއްވާ ޤައުމު އެމެރިކާ ތަމްސީލް ކުރާ އަދި އެޓީމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ލިއޮނެލް މެސީ ކުޅެމުންދާ އިންޓަރ މަޔާމީ އެވެ.

ދުނިޔޭގެ އެކި ބައްރު ތަކުގެ ޗެމްޕިއަން ޓީމުތަކަށް ފުރުސަތު ދީގެން ކުރިއަށް ގެންދާ މި މުބާރާތުގައި އެމެރިކާ ތަމްސީލު ކުރުމަށް އިންޓަރ މަޔާމީއަށް ފުރުސަތު ދިނުމުން ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ. އަދި ފީފާ އިން އެ ފުރުސަތު އިންޓަރ މަޔާމީއަށް ދީފައިވަނީ މެސީ އަށް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ގޯލްޑް ކަޕަކީ ކޮންކާކަފަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ މުބާރާތެވެ. އެމެރިކާގެ ފްރޮންޓް އޮފީސް ސްޕޯޓްސް އިން ހާމަ ކުރާގޮތުގައި ގޯލްޑް ކަޕް ބާއްވާ އަހަރުތަކުގައި އެސޯސިއޭޝަންގެ ރެވެނިއު ކޮންމެ އަހަރަކު ވެސް މަދުވެގެން 100 މިލިއަން ޑޮލަރަށް އަރަ އެވެ.