މާލޭގެ ފިހާރައަކަށް ވަދެ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.
މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ “ޕަރާއޯ” ފިހާރައަށް ވަދެ، ފިހާރައިގެ ސޭޓަށް ވަޅިން ބިރުދައްކައި އެފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައި ވަނީ، ހ. ރެދަން، ފަވާޒު ކަޅުތުއްތު (36އ)ގެ މައްޗަށެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ، މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު 15:13 އެހާކަންހާއިރު ކަމަށެވެ. މި މައްސަލައިގައި މެއި މަހުގެ 13 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ނިންމާ، ދައުވާކުރުމަށް މިއަދު ފޮނުވާފައިވާއިރު ފަވާޒު ކަޅުތުއްތު އަކީ މީގެކުރިން ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.