English Edition
Dhivehi Edition
މުބާރާތުގައި ހޯދި ތިން ރަން މެޑަލްއާއެކު ލައިބާ-- ފޮޓޯ/ ސިޑިބަރި

އަރުމޭނިއަން ޔޫތު އޯޕަންގައި ވާދަކޮށް ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފް ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ބޮޑު ފަޚުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ލައިބާ ވަނީ އަރުމޭނިއަން ޔޫތު އޯޕަންގައި ވާދަކޮށް 3 ރަން މެޑަލް ހޯދާފައެވެ. މިއީ ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގައި ހިމެނޭ ޖޫނިއާ މުބާރާތެއްގެ ތިން ކެޓަގަރީއަކުން ދިވެހި އެތުލީޓަކު ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. މިިދިޔަ އަހަރުވެސް ލައިބާ މި މުބާރާތުގައި ވާދަކުރިއެވެ. އެފަހަރު ލައިބާ ވަނީ ރިހި މެޑަލްއަކާއި ބްރޯންޒް މެޑަލްއެއް ހޯދާފައެވެ. މިއަހަރުގެ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ލައިބާ ހޯދީ ފައިނަލުގައި ސައިޕްރަސްގެ އެއްވަނަ ކުޅުންތެރިޔާ އެމީލިއާ އާ ވާދަކޮށް 21-15، 21-11 އިންނެވެ.

މި މުބާރާތުގައި އަރުމީނިއާ، ރާއްޖެ، ޖޯޖިއާ، ސައިޕްރަސް، ރަޝިއާ އަދި ޔޫކްރެއިންގެ 92 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަގްވާމި މުބާރާތަކުން 3 ރަން މެޑަލް ޙާޞިލްކޮށްފައިވާތީ ލައިބާ އަށް މަރުހަބާ ވިދާޅުވެ، ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށް ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ “ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް” ކަމަށެވެ.

އަދި ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެން ރައީސް ވަނީ ހިތްވަރު ދެއްވާފައެވެ.

މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ. އޭނާ އަންނަނީ 2022 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ޔޫރަޕްގެ މުބާރާތްތަކުގައި ބައިވެރިވެ ލައިބާ ވަނީ 5 ރިހި މެޑަލް އަދި 15 ލޯ މެޑަލް ހާސިލްކޮށްފައެވެ.