ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ފުރާވަޑައިގެންފިއެވެ.
އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުންނާއި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ވަޒީރުން ޙައްޖަށް ވަޑައިގަންނަވަނީ ސައުދީ ސަރުކާރުން ދެއްވި ހާއްސަ ދައުވަތެއްގައެވެ. މިއީ މީގެ ކުރީގެ ސަރުކާރުތަކަށްވެސް ސައުދީ ސަރުކާރުން ދެއްވާ ދައުވަތެއްކަން “ރައްޔިތުންނާއެކު” ޕޮޑްކާސްޓުގައި ވާހަކަފުުޅުދައްކަވަމުން ރައީސް ވަނީ ވިދާޅުވެފައެވެ.
ސައުދީން ޙައްޖުގެ ކަންކަން އެމަނިކުފާނަށް ހަމަޖައްސައިދެއްވާފައިގޮތް ހާމަކުރައްވައިި ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން އެ ދަތުރަށް ޚަރަދު ކުރައްވަން ނުޖެހޭނެ ކަމަށެވެ.
ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރާ ވަޑައިގަންނަވާފައިވާއިރު، ހައްޖުގެ އަޅުކަން އަދާކުރުމަށްދާ ދިވެހިންނަށް ވީހާވެސް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސެވުމަށް ސަރުކާރުންވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފައެވެ.