English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫގައި ޢިމާރާތް ކޮށްފައިވާ 48 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ. މިފްލެޓްތަކަށް އެދި ހުށަހެޅުމަށް އެންމެ ފުރަތަމަ ހައުސިން މިނިސްޓްރީން ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް “ކެޓަގަރީ އޭ” އަށް އެކަށީގެންވާ ޢަދަދަށް ފޯމް ހުށަހަޅާފައި ނުވުމުގެ ސަބަބުން 18 ޖަނަވަރީ 2017 ގައި ދެވަނަ ފަހަރަށް ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް ފޯމް ހުށަހަޅާފައިނުވާތީ، 18 ޖަނަވަރީ 2017 ގައި އިޢުލާންކުރެވުނު އުޞޫލަށް ބައެއް ބަދަލުގެނެސް، ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ އަލުން ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. ފްލެޓަށް އެދޭ ފޯމް މިއަދުން ފެށިގެން ހައުސިން މިނިސްޓްރީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓުންނާއި އައްޑޫސިޓީ ހުޅުމީދޫ ސެކްޝަނުން ލިބެން ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން، ހައުސިން މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން މި ފޯމް ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ފްލެޓަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 20 ޖޫން 2017 ން ފެށިގެން 09 އޮގަސްޓް 2017 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫސިޓީ ހުޅުމީދޫ ސެކްޝަނުންނެވެ މިހާރު މި ފްލެޓަތަކަށް އެދުމުގެ އުޞޫލްތަކަށް މިނިސްޓްރީން ގެނެސްފައިވާ ބައެއް ބަދަލުތަކާއި އެކު ހުޅުމީދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މި ފްލެޓްތަކަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފޭދޫގައި ހިއްކާފައިވާ ބިމުގައިވެސް ފްލެޓްތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ ސަބަބުން އައްޑޫގައި ގެދޮރުގެ ތަރިކަން ހުރި ގިނަފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ހިތަދޫގައި އަޅާ ފްލެޓްތައްވެސް މިހާރުވަނީ ހުރިހާ ކަމެއް ނިމުމުގެ އެންމެ ފަހު މަރުހަލާގައެވެ. ދެކުނުގެ ހައުސިން މަޝްރޫޢަކީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯން އެހީގައި ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަގަކީ 2.4 ބިލިއަން ރުފިޔާއެވެ.

ޓެގު