English Edition
Dhivehi Edition

މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް އޭނާ އާ ސުވާލު ކުރުމުގެ ފުރުސަތު ދިވެހި ފުލުހުންނަށް އަދިވެސް އާއިލާގެ ފަރާތުން ފަހިކޮށްދީފައި ނުވާތީ، މެލޭޝިއާގެ ފުލުހުން މެދުވެރިކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ އޭޕްރީލް ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް، އޭނާއާއި ސުވާލުކުރުގެ އިންތިޒާމް އާއިލާގެ އެއްބާރުލުން ލިބުމާއެކު ހަމަޖެއްސުމަށް ވަނީ ތައްޔާރުވެފައި ކަމަށެވެ.

ތަހުގީގު ޓީމުން މިއަދާ ހަމައަށް ވެސް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް އެއްބާރުލުން ލިބިފައިނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވައިދާ އެއްގޮތްވާގޮތުގެ މަތިން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންގެންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން މެލޭޝިއާގައި އެބަ ތިބި ކަމަށާއި އޭގެތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.

“މިއަދާ ހަމައަށް ތަކުރާރުކޮށް މުއާމަލާތްކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަން ފާހަގަކުރަން. އަދި އަނިޔާ ލިބުނު އަންހެން މީހާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާއިރު، މެލޭޝިއާގައި ފަރުދާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލުކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވޭ.” ފުލުހުން ވިދާޅުވެފައިވެއެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި އެކަން ހިނގާދިޔަ ގޮތް ހޯދުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އާއިލާއިން ގެންދަނީ ފުލުހުން ތަހުގީގު ހިންގަނީ ރަނގަޅަށް ނޫން ކަމަށް ބުނެ އިންސާފު ހޯދައިދޭން ނޫޅޭކަމަށް ތުހުމަތުކޮށްފައެވެ.

ޔުމްނު ވެއްޓުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. އެ ހާދިސާއާއި ގުޅިގެން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ. އޭގެ ފަހުން އޭނާ އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވާފައިވާއިރު، މެލޭޝިއާއަށް ފޮނުވުމަށް ސަރުކާރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޔުމްނު ވެއްޓުނު އިރު އޭނާ އާ އެކު ހ. ފެންޓެނޯއީ ގޭގައި ހުރި ރައުދު އަހުމަދު ޒިލާލު ހައްޔަރު ކުރުމަށް ފަހު އިއްޔެ ހެނދުނު ދޫކުރުމަށްފަހު އަލުން ވަނީ ހައްޔަރުކޮށްފައެވެ.

 

.