English Edition
Dhivehi Edition

މުލީ އެއަރޕޯޓާއެކު މުޅި މުލަކަތޮޅުގެ ތަރައްގީއަށް ކުރިއެރުން ލިބިގެންދާނެ ކަމަށާއި އެއަރޕޯޓް ވާނީ އެކި ދާއިރާތަކުން ކުރިއެރުންތައް ހޯދުމުގެ ދޮރާއްޓަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގެ ފަތުުވެރިކަމަށް ފަޅުތެރެއިން އިންވެސްޓްމަންޓް ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށާއި އެކަމަށް އެންމެ މުހިންމީ އެއަޕޯޓުކަމަށެވެ.

މީގެ އިތުރުން އެ އަތޮޅުގެ ތަރައްގީއަށް ކުރިއަށްއޮތްތަނުގައި ގިނަ ކުރިއެރުންތައް އަންނާނެކަމަށް ވިދާޅުވެ ރައީސް އިތުރަށް ވިދާޅުވީ މުލީގެ ތަރައްގީއަށް ކުރިއަށްގެންދަން ނިންމަވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ފައްޓަވާނެ ކަމަށެވެ. އަދި އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަކުގެ އައު އިމާރާތުގެ އަމަލީ މަސައްކަތްވެސް ފަށަން ތައްޔާރުވެފައިވާ ކަމަށާއި ޚިދުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ މ. މުލީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ އިސްވެރިންނާ ބައްދަލުކުރައްވަވާފައެވެ. މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މުލީ ކައުންސިލުން ވިދާޅުވީ މުލީ އެއާޕޯޓް ތަރައްޤީވެގެން ދިއުމަކީ ރަށުގެ ރައްޔިތުންގެ 30 އަހަރު ދުވަހުގެ ދިގު އިންތިޒާރުގެ ނިމުންކަމަށެވެ.

މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މުލީ ކައުންސިލުން ވަނީ އެބޭފުޅުން ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާކަންކަންވެސް ފާހަގަކުރައްވާފައެވެ. މިގޮތުން ސްކޫލުގެ ކްލާސްރޫމްތައް އޭ.ސީކޮށްދެއްވުމަށާއި، ރަށުން ރިހެބިލިޓޭޝަން ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށުގައި އިންސާނީ ވަޞީލަތް ޤާއިމުކުރުމަށް އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ރަށުގެ ރައްޔިތުން ޕިކްނިކްދާނެ ވަކި ރަށެއް ތަރައްޤީކޮށްދެއްވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއާއި ޞިއްޙީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިން ބޭނުންވާކަންކަން ކައުންސިލުން ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެފައިވާ ކަންކަން ފުއްދަވައިދެއްވާނެކަމުގައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.