ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)އިން ބޭއްވި ޖަލްސާއެއްގައި ސަންގު ޓީވީގެ ނޫސްވެރިޔާ، ފާތިމަތު މަދަދާއަށް ފުރައްސާރަ ކުރި މައްސަލައިގައި ފިޔަވަޅު އަޅަން ގޮވާލައިފިއެވެ.
ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ މަދަދާއަށް މަލާމަތް ކުރައްވައިފައެވެ.
ނޫސްވެރިޔާ މަދަދާއަށް ފުރައްސާރަކުރުން ކުށްވެރިކޮށް ސަންގު ޓީވީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕީއެންއެފުގެ ޖަލްސާގައި ޒުވާން އަންހެން ނޫސްވެރިއަކަށް އަމާޒުކޮށް ދެއްކި ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ.
އެ ޖަލްސާގައި ދެއްކި ވާހަކަތަކަކީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނާއި، އަންހެން ނޫސްވެރިންނަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކޮށް ސަންގު ޓީވީން ބުނީ މިފަދަ ފުރައްސާރަތަކާއި ދެކޮޅަށް ތެދުވެ ވަކާލާތު ކުރާނެކަމަށެވެ. މަދަދާގެ އަބުރަށް އުނިކަން ލިބޭގޮތަށް ޕީއެންއެފުން ވާހަކަ ދައްކާފައިވާތީ، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އެފަދަ ކަންކަން ތަކުރާރު ނުވާނެހެން ފިޔަވަޅު އެޅުމަށް ސަންގުން ވަނީ ގޮވާލައިފައެވެ.