English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

މިދިޔަ މަހު މުހިންމު 4 ބިލެއްގެ މަސައްކަތް ނިންމައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައެވެ.

މީގެ ތެރޭގައި ބޯހިޔާވަހިކަމުގެ ބިލާއި، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރާގުޅޭ ބިލާއި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނޭކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފައެވެ.

މި ބިލުތަކުގެ ތެރެއިން 27 އެޕްރީލް 2025 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުނު ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މިހާރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތްއިރު 15 އެޕްރީލް 2025 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުނު ބޯހިޔާވަހިކަމުގެ ބިލު ވެސް އިތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައިކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން 22 އެޕްރީލް 2025 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުނު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލުގެ ތެރެއިން، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައެވެ.

ބަންޑާރަނައިބުގެ އޮފީހުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލައި އެ އެޖެންޑާގެ ދަށުން ތައްޔާރުކުރަންޖެހޭ ބިލުތައް ޑްރާފްޓްކޮށް އެކުލަވާލުމުގެ މަސައްކަތަކީ ބަންޑާރަނައިބުގެ އޮފީހުގެ ލޯ ރިފޯމް އެންޑް ލެޖިސްލޭޓިވް އެފެއާޒް ޑިވިޜަންގެ މައިގަނޑު އެއް މަސައްކަތެވެ. ސަރުކާރުން ތައްޔާރުކުރާ ބިލްތަކުގެ ޑްރާފްޓް އެކުލަވާލުމުގެ އިތުރުން، މި ޑިވިޜަނުން ކުރާ މަސައްކަތްތަކުގެ ތެރޭގައި، ޤާނޫނު ހެދިފައިނުވާ ދާއިރާތައް ފާހަގަކުރުމާއި، ޤާނޫނު ހެދިފައިނުވާ ދާއިރާތަކާގުޅޭ ދިރާސާތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރުމާއި، އެ އިދާރާތަކުގެ މަޝްވަރާއާއެކުގައި ޤާނޫނުގެ ދެލިކޮޕީ އެކުލަވާލުން ހިމެނެއެވެ. އަދި، ޒަމާނާ ނުގުޅޭ ނުވަތަ ރާއްޖެއަށް ބޭނުންނުވާ ޤާނޫނުތައް ހުރިނަމަ، އެކަން ފާހަގަކޮށް، އެ ޤާނޫނުތައް އުވާލުމަށް، ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށް މަޝްވަރާދިނުމާއި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭކަމަށް ފެންނަ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، ކަމާބެހޭ ސަރުކާރުގެ އިދާރާތަކާގުޅިގެން ދިރާސާކުރުމަކީވެސް ބަންޑާރަނައިބުގެ އޮފީހުގެ ލޯ ރިފޯމް އެންޑް ލެޖިސްލޭޓިވް އެފެއާޒް ޑިވިޜަނުން ކުރާ މުހިންމު މަސައްކަތެކެވެ.