އުރީދޫ ގްރޫޕުން ޚިދުމަތް ދެމުން އަންނަ ޤައުމުތަކުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ރާއްޖެ އިސްތިހާރު ކުރުމަށް ޚައްޞަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް އުރީދޫ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑްކުއާޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ގްރޫޕް ކޮންސިއުމަރ އޮފިސަރ ބިލާލް ކަޒްމީއާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ.
މިއީ އުރީދޫ ގްރޫޕްގެ ބައިނަލްއަގްވާމީ “ފުޓް ޕްރިންޓް” ބޭނުންކޮށްގެން “ވިޒިޓް މޯލްޑިވްސް” ބްރޭންޑް އިތުރަށް ފުޅާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ. މި އެއްބަސްވުމުގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫގެ އޮޕަރޭޓިން ކުންފުނިތައް މެދުވެރިކޮށް ރާއްޖެ ޕްރިމިއާ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިސްތިހާރު ކުރާނެއެވެ.
މި އެއްބަސްވުމުގެ ތެރެއިން، އޭޝިއާ، މެދުއިރުމައްޗާއި އުތުރު އެފްރިކާގެ މުހިންމު މާކެޓުތަކުގައި އެމްއެމްޕީއާރުސީގެ ގްލޯބަލް ޑެސްޓިނޭޝަން މާކެޓިންގ މަސައްކަތްތަކަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އުރީދޫއަކީ، ދުނިޔޭގެ 10 ޤައުމެއްގައި 150 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ދޭ ކުންފުންޏެކެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ، ދުނިޔޭގެ އެންމެ ރީތި އެއް މަންޒިލް ކަމަށްވާ ރާއްޖެ އިސްތިހާރު ކުރުމުގައި އެމްއެމްޕީއާރުސީއާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި އުރީދޫގެ ގްލޯބަލް ނެޓްވޯކްގެ ހަރުދަނާކަމާއެކު، އަމާޒަކީ ރާއްޖޭގެ ދެވަނައެއްނެތް މި ރީތިކަމާއި ސަގާފަތާއި މެހެމާންދާރީ ތަޖުރިބާކުރުމަށް ބައިނަލްއަގްވާމީ މާކެޓުތަކުން އިތުރު ދަތުރުވެރިންނަށް ހިތްވަރު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
“ދުނިޔޭގެ އެންމެ ރީތި އެއް މަންޒިލް ކަމަށްވާ ރާއްޖެ އިޝްތިހާރު ކުރުމުގައި އެމްއެމްޕީއާރުސީއާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. އުރީދޫގެ ގްލޯބަލް ނެޓްވޯކްގެ ހަރުދަނާކަމާ އެކު، އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ދެވަނައެއް ނެތް މި ރީތި ކަމާއި ސަގާފަތާއި މެހެމާންދާރީ ތަޖުރިބާ ކުރުމަށް ބައިނަލްއަގްވާމީ މާކެޓުތަކުން އިތުރު ދަތުރުވެރިންނަށް ހިތްވަރު ދިނުން،” އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
އުރީދޫން ވަނީ މި އެއްބަސްވުމުގެ ޒަރީއްޔާއިން ޤައުމީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭކަމަށާއި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމަށް ބުނެފައެވެ.
ރާއްޖެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕްރޮމޯޓް ކުރުމަށް ގިނަ އެއްބަސްވުންތަކުގައި އެމްއެމްޕީއާރްސީން ދަނީ ސޮއިކުރަމުންނެވެ. މީގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ކުންފުނިތައް ހިމެނެއެވެ. މިއީ ޑިޖިޓަލް މާކެޓިން ތެރެއިން ރާއްޖެ އިސްތިހާރު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވަމުންދާ އެއްބަސްވުންތަކެކެވެ.