English Edition
Dhivehi Edition
ޔުމުން ފުރުވާލުމަށް އެމްބިޔުލަންސްގައި އެއާޕޯޓަށް ގެންދަނީ

މި މަހުގެ 18ވަނަ ދުވަހު، ހ. ފެންޓެނޯއިގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުރުން 21 އަހަރު ހައްވާ ޔުމްނު ރަޝީދު، ކުރަން ޖެހުނު އެންމެ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބުވެއްޖެ ކަމަށް އާއިލާއިން ބުނެފިއެވެ.

މި ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ އިތުރު ފަރުވާ ދިނުމަށް މެލޭޝިއާ އަށް ފުރުވައިލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައެވެ.

ޔުމްނުގެ އާއިލާއިން ބުނީ އޭނަގެ ކަރާ ދިމާލުން މައިބަދައިގެ ކަށިގަނޑުގައި ރެނދެއް ލާފައިވާތީ ކުރި އޮޕަރޭޝަނަށް ފަސް ގަޑިއިރަށް ވުރެ އިތުރަށް ވަގުތު ހޭދަވި ކަމަށެވެ. އާއިލާ އިން ބުނިގޮތުގައި، މިއީ އުމްނުގެ އެންމެ ނާޒުކު އަދި އެންމެ ނުރައްކާތެރި ސާޖަރީ އެވެ. އެކަމަކު، އެ ސާޖަރީގެ ކަންކަން ފުރިހަމަކުރީ ވަރަށް އޮމާންކަމާ އެކު ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

އާއިލާގެ ފަރާތުން ބުނީ ދެން މި ފަދަ ނުރައްކާތެރި އޮޕަރޭޝަނެއް އޭނާ ކުރަން ނުޖެހޭނެ ކަމަށާއި، ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ، ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޔުމްނުއަށް އިށީނދެ އިނދެވޭނެ ކަމަށެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ އެ ދުވަހު ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނުއަށް ފަރުވާ ދެމުން އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.

ޔުމްނުގެ ފަރުވާއަށް ބޭނުންވާ ހަތްލައްކައަށްވުރެ ގިނަ ފައިސާ ޓިކްޓޮކް ލައިވްއެއް މެދުވެރިކޮށް، މިދިޔަ ހޮނިހިރު ދުވަހު ވަނީ ދޮޅުގަޑިއިރުތެރޭ ހޯދައިފައެވެ. މި ފައިސާ ހޯދީ ޝެހެނާޒް މޫސާ (ޝެހޭ) އިސްވެ ކުރިއަށް ގެންދިޔަ ލައިވްއެއްގެ ތެރެއިންނެވެ.

މީގެ އިތުރުން ފަރުވާއަށް ބޭނުންވާ ފައިސާގެ ތެރެއިން، 25,000 ޑޮލަރު އެންސްޕާ ފަންޑު މެދުވެރިކޮށް ވެސް ވަނީ ހަމަޖައްސައިދީފައެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ފުލުހުން ކުރާ ތަހުގީގާއި ހާމަކުރާ މައުލޫމާތަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ، ޒުވާނުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.