މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވާ ފެނުނު، ހައްވާ ޔުމްނު ރަޝީދު ، ސަރުކާރުގެ ބޮޑު އެހީތެރިކަމަކާއެކު އިތުރުފަރުވާއަށް މެލޭޝިއާއަށް ފުރުވާލައިފިއެވެ.
މެލޭޝިޔާއަށް ޔުމުނު ގެންދިއުމަށްޓަކައި ބޭނުންވާ ޚަރަދުގެ ގޮތުގައި ސަރުކާރުން ވަނީ ޓިކެޓް ފައިސާވެސް ހިމެނޭގޮތަށް 25،000 ޑޮލަރު އެންސްޕާ މެދުވެރިކޮށް ހަމަޖައްސަވާފައެވެ. އެއީ ޔުމުނުގެ ފަރުވާއަށް ބޭނުންވާ މިންވަރުގެ އެއްބައިކަމަށްވުމާއެކު އާއިލާއާ ހެޔޮއެދޭ ފަރާތްތަކުން ވަނީ އެހެނިހެން ގޮތްގޮތުންވެސް ފައިސާ ހޯދުމުގެ މަސައްކަތްކޮށްފައެވެ
މިމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ޔުމުނު ފެނިފައިވަނީ އެދުވަހުގެ 07:23 އެހާއިރުއެވެ. އެތަނުން ޔުމުނު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް މިހާތަނަށް އޭނާއަށް ފަރުވާ ދީފައިވަނީ އެހޮސްޕިޓަލުންނެވެ. ލިބިފައިވާ އަނިޔާތަކާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު އޭނާ އަށް ދެން ފަރުވާ ދީފައިވަނީ އައިސީޔޫގައެވެ.
އާއިލާގެ އެދުމުގެ މަތިން ބޭރަށް ގެންދަން ޑޮކްޓަރުން ހުއްދަ ދެއްވުމުން ސަރުކާރުން ވެދެެއްވި އެހީތެރިކަމާވެސްއެކު ރޭގައި އޭނާ ވަނީ މެލޭޝިޔާއަށް ފުރުވާލާފައެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އުޅުނީ ކ.މާލެ، ގ. އެރިޔަދޫ ރައުދު އަހުމަދު ޒިލާލްއެވެ. ފުލުހުން ކުރާ ތަހުގީގާ ގުޅިގެން ރައުދު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ.
ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކުރި އިރު، ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން މިހާރު ތުހުމަތު ކުރެއެވެ. ފުލުހުން ކޯޓު އަމުރަކަށް އެދުނު ތިން ސަބަބުގެ ތެރޭގައި ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމަށް ތުހުމަތު ކުރެވުމާއި މަސްތުގެ ހާލަތުގައި ހުރުން ހިމެނެއެވެ.