English Edition
Dhivehi Edition

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފައްދަވައިފިއެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަނަށް އައްޔަން ކުރެއްވީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ހަބީބު އަދި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ.

މި މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް މި އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.

އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދީފައިވާއިރު އޭގެ ތެރޭގައި ޔުމްނު ވެއްޓުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުން ހިމެނެއެވެ. އެގޮތުން ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުމާއި ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގަ އާއި ތަހުގީގުތަކަށް އެހީތެރިވުމަށް ރާއްޖެ އިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެ އިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުގެ ބޭނުންކުރުން. – ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛ ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރު ކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން. ފަދަ ބާރުތައް ކޮމިޝަނަށް ވަނީ ދީފައެވެ.

މި ކޮމިޝަނުގެ މެންބަރުންނަކީ:

  • ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  • ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
  • ޑރ. މުހައްމަދު ހަބީބު، ސ. ހިތަދޫ، ސީސަންމާގެ

މިކޮމިޝަނުގެ ރައީސްކަމުގައި ކަނޑައަޅުއްވާފައި ވަނީ ޑރ. މުޙައްމަދު މުނައްވަރެވެ.

މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސް ކަނޑައެޅުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ.