މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މިމަހުގެ 20 ވާ އާދިއްތަ ދުވަހު ހުޅުވާލައްވަވާނެ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވިދާޅުވެއްޖެއެވެ.
ގައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، އެ ދުވަހުން ފެށިގެން އަންނަ މޭމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ފޯމު ފޮނުވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އިނާމަށް އެދި ފޯމުހުށަހަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން ވަނީ އެދިވަޑައިގެންފައެވެ.
ޤައުމީ އިނާމަށް މިއަހަރު ހުޅުއްވައިލެއްވުމަށް ނިންމަވައިފައިވަނީ، މައިގަނޑު 39 ދާއިރާއަކުންނެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވައިފައެވެ. މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވައިފައެވެ.