English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު

ޒަކާތު ފަންޑުގެ ސްކޮލާޝިޕް މި ހަފްތާގައި އިއުލާންކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ އިސްލާމީ އިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓަރސް ޑިގްރީ އާއި ޕީއެޗްޑީގެ ގިނަ ފުރުސަތު ހުޅުވައިލެވޭނެ ކަމަަށެވެ. އޭގެ އިތުރުން މެޑިސިންގެ ދާއިރާއިން ސުޕަރ ސުޕެޝަލިސްޓުން މި ގައުމުގައި ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް އެހީ ދެވޭނެ ކަމަށެވެ. ޒަކާތު ފަންޑުގެ ފީ ސަބީލި ﷲ ބައިން މި ފުރުސަތުތަކަށް ފަންޑުކުރެވިގެންދާނެކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަސްރެއްކަމަށެވެ.

މީގެ އިތުރުން ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ހާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ހަރަދު ކުރެވޭނެ ކަމަށާއި މިކަންކަމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މިކަންކަމުގެ އިތުރުން ޒަކާތު ފަންޑުގެ ފަގީރުންނާއި މިސްކީނުންގެ ބައިން ފަގީރުންގެ ބޭސް ފަރުވާ އާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް ދަނީ ހޭދަކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިކަންކަމުގެ އިތުރުން މިޞްރާއި ސަޢުދީ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ އިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީ ދިނުމަށް ވެސް ނިންމާފައިވާކަމަށެވެ. ފާއިތުވެދިޔަ އަހަރަކީ ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަޖަށް ފައިސާ ލިބުނު އަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ފައިސާ މިދިޔަ އަހަރު ލިބިފައިވެއެވެ.