ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި ލިފްޓު އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެއް ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިންމައި، ޓެސްޓު ކުރަން ފަށައިފިއެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން އިއްޔެ ވިދާޅުވީ ހިޔާގެ ފްލެޓުތަކުގެ ފުރަތަމަ ހަތަރު ޓަވަރުގެ ލިފްޓުތައް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި އޮޕަރޭޝަނަށް ބޭނުންކުރަން ފެށޭނެ ކަމަށެވެ.
ލިފްޓު ޓެސްޓު ކުރަން ފަށާފައިވަނީ ޓަވަރު އެކަކާއި ދޭއްގެ އިތުރަށް ތިނެއްގައެވެ. މި ޓަވަރުތަކުގެ އިތުރަށް ދެން ހުރި ޓަވަރުތަކުގައި ވެސް ލިފްޓު ހަރުކުރުމުގެ މަސައްކަތްތައް ތާވާލާ އެއްގޮތަށް ނިމޭނެ ކަމަށްއެޗްޑީސީން ވިދާޅުވެއެވެ.
ހިޔާގެ ކޮންމެ ފްލެޓަކަށް ދެ ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ލިފްޓު ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18ގައެވެ. އެގޮތުން، އެމަޝްރޫއުގެ ދަށުން ހަރުކުރާ 32 ލިފްޓު ގަތުމަށް 18 މިލިއަން ޑޮލަރު ހޭދަވި ކަމަށް އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވަނީ ވިދާޅުވެފައެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއި ހަވާލުކޮށްގެންނެވެ. އެއީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. 14 މީހުންގެ ޖާގައިގެ މިލިފްޓުތަކުގައި ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން ފްލޯ ނަމްބަރު ބްރެއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.