English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެންނަން ހުޅުމާލޭގައި ހަދަމުންދާ ވަގުތީ އިމާރާތުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.

މި އިމާރާތަކީ ހުޅުމާލޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މިވަގުތަށް ޙައްލުހޯދައިދިނުމަށް ތައްޔާރުކުރަމުންދާ އިމާރާތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ޒިޔާރަތުގައި، ކޯޓު އިމާރާތުގެ ޕްލޭންތައް ބައްލަވާލައްވައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސް ބައެއް ބޭފުޅުންނާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރުގެ އަރިހުން އެ މަސައްކަތުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތައް އޮޅުންފިލުއްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުންކަމުގައި، މިއަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއާއެކު ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.

ދަޢުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުކަމުގައިވާ ޝަރުޢީ ދާއިރާއަކީ، ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.