English Edition
Dhivehi Edition
އެޗްއާރުސީއެމްގެ ބައެއް މެމްބަރުން ބައްދަލުވުމެއްގައި.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޯޓިޒަމް މީހުންނާ ގުޅޭގޮތުން ދެއްކި ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.

މިމަހުގެ 22ވަނަ ދުވަހުގެ ރޭ ޓީވީ ޗެނަލެއްގެ ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް އެ މީހުންނަކީ ދަށް ބައެއްގެ ގޮތަށް އަދި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަދައްކާފައިވާތީ އެކަން ކުށްވެރިކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެޗްއާރުސީއެމުނ ބުނެފައިވަނީ މީޑިއާތަކުން މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދޭއިރު އެއްވެސް މީހެއްގެ އިންސާނީ ހައްގާއި ކަރާމާތަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް އަމަލު ކުރަން އިލްތިމާސްކުރާ ކަަމަށެވެ.

އެޗްއާރުސީއެމުން ފާހަގަކުރި ގޮތުގައި، މުޖުތަމައުގެ އެހެން މީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އިންސާނީ ހައްގުތައް އެއްހަމައެއްގައި ލިބިދީފައިވެ އެވެ.

“ކޮންމެ މީހަކަށް ވެސް އަބުރުވެރިކަމާއި ކަރާމާތްތެރިކަމާ އެކު، ދިރިއުޅުމުގެ ހައްގު ލިބިދީފައިވެ އެވެ. އެހެންކަމުން، މިފަދަ އަމަލުތައް ނުކުރުމަށާއި އަދި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްގާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ގެނެސް ދިނުމަށް ސަމާލުކަން ދިނުމަށް ކޮމިޝަނުން ހުރިހާ މީޑިއާތަކަށް އިލްތިމާސް ކުރަމެވެ،” އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.

“ކާލާބައިސާ” ގެ ނަމުގައި ރާއްޖެ ޓީވީން ލައިވްކޮށް ގެނެސްދިން އެ ޕްރޮގްރާމުގައި ސިޔާސީ ކަންކަމަށް ފާޑުކިޔަމުން އޯޓިސްޓިކް ކުދިންނާ ގުޅުވައި އެ ކުދިންނަށް ފުރައްސާރަވާ ގޮތަށް ޖޯކު ޖެހި މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. އެކަން ބަލަމުންދާ ކަމަށް ބުނެ، ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ކޮންޓެންޓުތަކާ މެދު ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.

އެ ޕްރޮގްރާމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖެ ޓީވީން ވެސް ރޭ ވަނީ މާފަށް އެދިފަ އެވެ.

ޕްރެޒެންޓަރު ހުސައިން ރަމީޒު ހުށަހަޅައިދިން އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

TV programme eh gai Autistic kudhinnah joke jahai furassaara kuri massala eh