ބަންގްލަދޭޝްގެ ހަތް ކޮލެޖަކުން ދިވެހިންނަށް މިހާރު މެޑިސިން އިންޓާންޝިޕް ހެދޭނެކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ ބަންގްލަދޭޝްގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު އިތުރު ފަސް ކޮލެޖަކުން އިންޓާންޝިޕް ހެދުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލެވިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ބަނގުލަދޭޝްގައި ކިޔަވަމުންދާ ދިވެހިންނަށް ދަރިވަރުންނަށް މެޑިކަލް އިންޓާންޝިޕް ހެދޭ ކޮލެޖުތަކުގެ ތެރޭގައި، ޗިޓަގޮންގް މެޑިކަލް ކޮލެޖު، ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖު، ސެލެޓް މެގް އުސްމާނީ މެޑިކަލް ކޮލެޖު، މައިމަސިންގ މެޑިކަލް ކޮލެޖު، ރާޖްޝާނީ މެޑިކަލް ކޮލެޖު، ޝަހީދު ޒިޔައު ރަޙްމާން މެޑިކަލް ކޮލެޖު އަދި ކޮކްސް ބާޒާރު މެޑިކަލް ކޮލެޖު ހިމެނެއެވެ.
މީގެ ކުރިން ދިވެހިންނަށް އިންޓާންޝިޕް ފުރިހަމަ ކުރެވެނީ ބަންގްލަދޭޝްގެ ދެ ކޮލެޖަކުންނެވެ. ހެލްތް މިނިސްޓްރީން ބުނީ މިކޮލެޖްތަކަކީ ރާއްޖެއާއި ބަންގްލަދޭޝްގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ ކޮލެޖްތަކެއް ކަމަށެވެ.