English Edition
Dhivehi Edition
ފޮޓޯ: މިހާރު

މި އަހަރުގެ ބަރަކާތްތެރި ފިޠުރުޢީދަށް ރާއްޖެ ދިއްލައިލުމަށް ތައްޔާރުވުގެ މަސައްކަތް ސަރުކާރުގެ ބައެއް ކުންފުނިތަކާއި، ކައުންސިލްތަކުގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްއިން ފައްޓައިފިއެވެ.

މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ފަހު މިނިސްޓަރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު އުމަރު، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ޢީދު ލައިޓްތައް ދިއްލިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މި އީދުގައި ވަރަށް ޚާއްޞަ ޙަރަކާތެއް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އީދަށް ދިއްލުމުގެ ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު ފެއްޓެވި ހަރަކާތެއްކަމާ، މުޅި ރާއްޖެ ދިއްލުމުގެ ހަރަކާތް ފެށުނީ އެ މަނިކުފާނުގެ ވެރިކަމުގެ ޒައާމަތުގައި މި ދިޔަ އަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ދިއްލުން ވެގެން ދިޔައީ ކުޑަކުދިންނާއި، ޒުވާނުންގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ހަރަކާތަކަށް ވާތީ، މި ދިޔަ އަހަރު ދިއްލި ރަށްތަކާއި، ސިޓީތަކުގެ އިތުރުން މި އަހަރު އިތުރު 36 ރަށަކަށް އީދުލައިޓްތައް ފޮނުވަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާލޭސިޓީގައި އީދުލައިޓްތައް ޖެހުމުގެ މަސައްކަތް ވަރަށް ފޯރީގައި މިހާރު ފެށިގެން ކުރިއަށްދާ ކަމަށާ، މި ކަމުގައި ސްޓެލްކޯއާއި، ސަރުކާރުގެ ބައެއް ކުންފުނިތަކާއި، އެޗްޑީސީއާއި އަދި މާލޭސިޓީ ކައުންސިލުން ބައިވެރިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އީދަށް މުޅި ރާއްޖެ ދިއްލުމުގެ ހަރަކާތް ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހަރަކަތްތެރިވާ ސްޓޭޓް މިނިސްޓަރު އަހްމަދު ރަޝީދު ހާމަކުރެއްވި ގޮތުގައި މި އަހަރު އަލަށް ދިއްލާ 36 ރަށާއެކު ޖުމްލަ 65 ރަށެއް މި އަހަރު ފިޠުރުއީދުގައި ދިއްލައިލެވިގެންދާނެއެވެ. އަލަށް ދިއްލޭ 36 ރަށަށް ފޮނުވާ ލައިޓްތަކާއި، ސްޕީކަރުތައް މި މަހުގެ 24 ވަނަ ދުވަހު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ދިއްލުމުގެ ހަރާކާތު ކޮމިޓީން މައޫލޫމާތު ދެއެވެ.

މި އަހަރު “ޢީދު އަލި” ދިއްލުމުގެ ބޮޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައި ގޮތަށް ވަނީ ހަމަޖެހިފައެވެ.