ނަހަމަ ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުގައި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުން ވަކިކުރި، މުޙައްމަދު ޝަމްއާން ވަހީދުގެ އެޕާޓްމަންޓް، ފުލުހުން ރޭ ބަލައި ފާސްކޮށްފި އެވެ.
ފުލުހުންގެ މި އޮޕަރޭޝަންގެ ތެރެއިން ޝައްމާންގެ އެޕާޓްމަންޓުން ވަނީ ގިނަ އަދަދެއްގެ ނަގުދު ފައިސާ ހޯދައިފައެވެ. އަދި އެ ފައިސާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެފައިވަނީ އެގެއިން 530،000ރ. އަތުލައިގަތްކަމަށެވެ. އަދި އެއީ ބިދޭސީއަކާ ގުޅުން ހުރި ފައިސާތަކެއް ކަމަށާއި އެއީ ރެޑްހޭންޑްކޮށް އަތުލައިގަތް ފައިސާތަކެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ޝައްމާނު މަގާމުން ވަކިކުރިއިރު ފުލުހުން ރޭ ވަނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ ކޮރަޕްޝަން މައްސަލައެއް ތަހުގީގުކުރަން ފަށައިފައިވާ ކަމަށް ބުނެފައެވެ. އަދި އެ މައްސަލައާ ގުޅިގެން ރޭ މާލޭ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ރޭ ފުލުހުން ބުންޏެވެ.
ޝަމްއާންގެ ގެ ބަލައިފާސްކުރިއިރު، އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ބަލާ ކަމަށް ފުލުހުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
ޝަމްއާން މަގާމުން ވަކިކުރިޔަސް، އިމިގްރޭޝަންގެ މުވައްޒަފުންނަށް ކުރާ ތުހުމަަތުތަކާ އޭނާއާ ގުޅުން އޮތް ކަމެއް ރަސްމީކޮށް ފުލުހުން އަދި ނުބުނެ އެވެ. ޝަމްއާން ދިރިއުޅުއްވާ ގެ ބަަލައި ފާސްކުރި ސަބަބާ ގުޅޭ ގޮތުން ވެސް ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.