އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދައްކަފައިވާ ވާހަކަތަކާއި ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ނިންމައިފިއެވެ.
އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު މި ވަހަކަތަކައި ގުޅިގެން ރައީސް އާއިލާއިން ވަނީ ބަޔާނެއް ނެރެފައެވެ. ރައީސްގެ އަނބިކަބަލުން ސާޖިދާގެ ނަމުގައި ނެރުއްވި ބަޔާނުގައި ވަނީ ދަރިފުޅު އުމައިރު މުހަންމަދު މުއިއްޒުއަށް ނިސްބަތްކޮށް، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި،ހާއްސަކޮށް މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ހަގީގަތެއްނެތް، ދޮގު ވާހަކަތަކެއް ދައްކައި، މީޑިޔާއާއި ސޯޝަލްމީޑިޔާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރާފައިވާކަމަށެވެ. މިގޮތުން ފަތުރާފައިވާ ވާހަކަތަކުގެ ތެރޭގައި، ޢުމައިރަކީ ވޭޕްބޭނުންކުރާ ކުއްޖެއް ކަމުގައިބުނެ ފަތުރާފައިވާ ދޮގުވާހަކަތަކެއް ހިމެނޭކަން ފާހަގަކޮށް ސާޖިދަ ވިދާޅުވީ އުމައިރު އަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިޢުމާލުވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއްނޫންކަމަށެވެ.
“މިކަންކަން މިހެންކުރަމުންދަނީ އަޅުގަނޑުގެ ފިރިމީހާއާއި ސިޔާސީ ގޮތުން ހިޔާލުތަފާތު އެކި ފަރާތްތަކުން މިފަދަ ވާހަކަތަކުގެ ތެރޭގައި އަޅުގަނޑުގެ ދަރިފުޅުގެ ތައުލީމީ ހަޔާތަށާއި އިޖްތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ވަނީ ފަތުރާފައި. އަދި މިކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަގްބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުސަތުތައް ވަނީ ހުޅުވިގެން ގޮސްފައި” ކަންބޮޑުވުމާއެކު ސާޖިދާ ވިދާޅުވިއެވެ.
މީގެ އިތުރުން ސާޖިދާ ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ ކުޑަކުއްޖަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގަނޫނީ އޮނިގަނޑުތަކުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ކުއްޖެއް ކަމަށެވެ. “މިގޮތުން އަޅުގަނޑުގެ ދަރިފުޅު އުމައިރަކީ އުމުރުން 16 އަހަރުގެ ކުޑަކުއްޖެއް. ހަމައެއާއެކު އޭނާއަކީ އޭނާގެ މުސްތަޤްބަލު ކުރިމަތީގައި އޮތް، ތަޢުލީމީ ޙަޔާތް އަދި ފުރިހަމަނުވާ ކުއްޖެއް. އެންމެ މުހިންމު ކަމެއްގެ ގޮތުގައި، އޭނާގެ ބައްޕަ އަދި އަޅުގަނޑުގެ ސިޔާސީ ނިންމުންތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް އެއްވެސް ބާރުވެރިކަމެއްވެސް ނެތް، މަންމައާއި ބައްޕަގެ ބެލެނިވެރިކަމުގެ ދަށުގައި ހެދިބޮޑުވަމުން އަންނަ ކިޔަވާ ކުއްޖެއް. މީގެ އިތުރުން، އަޅުގަނޑުގެ އެންމެ ދޮށީ ދަރިފުޅާއި، 8 އަހަރުގެ ހަގު ދަރިފުޅަށް ގަނާ ކުރުމާއި ފުރައްސާރަ ކުރުމުގެ މަސައްކަތްތަކެއް އިސްވެދެންނެވި ފަރާތްތަކުން މިހާރު ފަށާފައިވާކަމީވެސް ބަލައިގަންނަން އުނދަގޫކަމެއް” ސާޖިދާ ވިދާޅުވިއެވެ.
“އަޅުގަނޑުގެ ފިރިމީހާ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ޒިންމާތަކުގެ ތެރެއިން ނިންމަވާ ނިންމެވުންތަކާއި ސިޔާސީ ވިސްނުންފުޅާމެދު، އެއްވެސް ފަރާތަކުން ދައްކާފައިވާ ވާހަކައަކަށް އަދި ފާޑުކިޔުމަކަށް އަޅުގަނޑު އެއްވެސް އެއްޗެއްބުނެ ފިޔަވަޅެއް އަޅާފައިނުވާނެ. އެއީ އެމަނިކުފާނު ސިޔާސީ މައިދާން ޚިޔާރުކުރެއްވީ އަދި އެމައިދާނުގައި ދެމިހުންނެވީ އަމިއްލަފުޅު އިޚްތިޔާރުގައި ކަމުގައިވާތީ. ހަމައެއާއެކު، އެމަނިކުފާނު އެ މަޤާމާ ޙަވާލުވެވަޑައިގަތީއްސުރެ މިދެންނެވި ފަދަ ފަރާތްތަކުން ކެނޑިނޭޅި ގެންދަނީ އަޅުގަނޑަށް ފުރައްސާރަކޮށް ގަނާކުރަމުން. މިދެންނެވި ކަންކަމަކީ ސިއްރުން ނޫނީ ވަންހަނާގައި ހިނގާ ކަންކަންކަމުގައި ނުވިނަމަވެސް، މިވީހާ ތަނަށް މިފަދަ ކަމަކާ އަޅުގަނޑު އަދި އަޅުގަނޑުގެ ފަރާތުންވެސް އެއްވެސް ރައްދެއްދީ އެއްޗެއް ދަންނަވާފައިނުވާނެ” ސާޖިދަ ވިދާޅުވިއެވެ.
އިތުުރަށް ސާޖިދާ ވިދާޅުވީ 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް، އެކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަަމަށެވެ. މިފިޔަވަޅުތައް މިއަޅަނީ މިކުދިންގެ މަންމަގެ ޙައިޞިއްޔަތުން އަމިއްލައަށް ފަރުދީ ގޮތުންކަން ފާހަގަކޮށް ސާޖިދާ ވިދާޅުވީ މިއީ އެންމެންގެ ކުދިންނަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނޭ މާހައުލެއް ގާއިމުކުރުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ.