ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ކުރިއަށްގެންދާ ބޮޑުބެރު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ން ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ވެބްސައިޓް، www.expo.mv މެދުވެރިކޮށް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށް ބީސީސީން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މާރޗް މަހުގެ 25 ވަނަ ދުވަހާއި ހަމައަށެވެ. މުބާރާތާއި ބެހޭ ގަވާއިދާއި އިތުރު މައުލޫމާތުވެސް މައުރަޒުގެ ވެބްސައިޓުން ލިބޭނެ ކަމަށް ބީސީސީން ބުނެއެވެ.
މި މުބާރާތުން އެކި ވަނަތަކަށް ހޮވޭ ބޮޑުބެރު ގްރޫޕްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދަކީ ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުންކަމަށް ބީސީސީން ބުނެއެވެ. އަދި ދިވެހިންގެ މެދުގައި މިކަމަށް އޮތް ޖޯޝާއި ފޯރި އާލާކޮށް، ޒުވާނުންގެ ހިތްތަކުގައި މި ކަމަށް ލޯބި ޖެއްސުމަކީވެސް މި މުބާރާތުގެ މަޤްޞަދެއްކަމަށްވެސް އެ ކޯރޕަރޭޝަނުން ބުނެއެވެ.