English Edition
Dhivehi Edition

އަންނަ ފިތުރު އީދާއި ދިމާކޮށް ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް ފަށަން ނިންމައިފިއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާރިޗުމަހުގެ 31 ވަނަ ދުވަހުއެވެ.

މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، މި މަހުގެ 31 ގައި ފަށާ ދަތުރުތައް ކުރާނީ ބ. ފުޅަދުއަށް ކަމަށެވެ. އެއާ އެކު އެ ރަށާ ކައިރީ އޮންނަ ފެހެންދު އާއި ގޮއިދޫ ރައްޔިތުންނަށް ވެސް ފަސޭހަކަމާ އެކު ދަތުރު ކުރެވޭނެ ކަމަށް އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަނުން ވިދާޅުވީ، މާލެއިން ފުޅަދޫއަށް ކުރާ ސީޕްލޭން ދަތުރުގެ ދިގުމިނަކީ 25 މިނެޓުކަމަށެވެ. އީދާ ދިމާކޮށް ރާވާފައިވާ މި ދަތުރު ތަކުގައި ސީޕްލޭންގައި ދަތުރުކޮށްލުމަކީ ރާއްޖޭގެ ރީތިކަން މަތިން ބަލާލަން ލިބޭ ފުރުސަތެއްގެ ގޮތުގައިވެސް އެކުންފުނިން ދެކެއެވެ.

މޯލްޑިވިއަންގެ ސީޕްލޭން ޓިކެޓެއްގެ އަގަކީ ކޮޅަކަށް 1099ރ. އެވެ.

މޯލްޑިވިއަންގެ ސީޕްލޭން ދަތުރަށް ޓިކެޓް ނެގުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ ކުންފުނިން ބުނީ، 1617 އަށް ގުޅައިގެން ވެސް އެކަމުގެ މައުލޫމާތުތައް އޮޅުން ފިލުވޭނެ ކަމަށެވެ.

މީގެ ކުރިންވެސް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް ބާއްވާފައިވެއެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތަައް އާއްމުގޮތެއްގައި ކުރަނީ ފަތުރުވެރިންނާއި އެކު ރާއްޖޭގެ ރިސޯޓުތަކަށެވެ. ފުޅާ ދާއިރާއެއްގައި މި މި ޚިދުމަތްދެމުންދާއިރު، މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 11 ސީޕްލޭން ބޭނުންކުރެއެވެ.