English Edition
Dhivehi Edition

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މިއަދު ވެސް މާލޭގައި ފެންބޮޑުވެ ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

މިއަދު ހަވީރުން ފެށިގެން ހުއްޓާނުލާ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަޙައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، މިވަގުތު ފެން ހިންދުމަށްޓަކާ މާލޭގެ 3 ސަރަޙައްދެއްގައި 6 ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާކަމަށެވެ.

އެމްއެންޑީއެފްއިން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވިދާޅުވީ އެމްއެންޑީއެފުން ފެންހިންދުމުގައި މިވަގުތު ހަރަކާތްތެރިވާ 3 ސަރަޙައްދަކީ ވެސްޓްޕާކު ސަރަޙައްދު، އައިޖީއެމްއެޗް ސަރަޙައްދު އަދި މާފަންނު ފެރީ ޓަރމިނަލް ސަރަޙައްދުކަމަށެވެ. މިއީ ބޯކޮށް ވާރޭވެހިއްޖެނަމަ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަޙައްދުތަކެވެ. މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރުމުގެ އިތުރުން އާންމުންގެ މުދަލާއި ގޯތިގެދޮރުގެ ރައްކާތެރިކަމަށްޓަކާ ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައިވެސް ސިފައިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ކުރިޔަށްއޮތް ދެދުވަހު މާލެއަށް ވިއްސާރަ ކުރާނެކަން އެނގުނު ހިސާބުން ފެށިގެން ވިއްސާރައިގެ ސަބަބުން ރައްޔިތުންނާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައި ވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެގޮތުން މިއަދު މެންދުރުން ފެށިގެން އާންމުކޮށް ފެންބޮޑުވާ ހިސާބުތަކުގައި ޕަމްޕުތައް ބަހައްޓާ، ފެންހިންދުމުގެ މަސައްކަތަށް ސިފައިން ރެޑީވެފައި ވާކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.

އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނޭކަމަށާއި، ވަކިން ޚާއްޞަކޮށް މެދުތެރެއާ އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށްށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެން ވަކަމަށް މެޓުން ވިދާޅުވިއެވެ. އަދި ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.